މިއަދު އޯރިއޯ ޓްރަފްލްސް ތައްޔާރުކޮށްލަން ހިނގާ!

06 May 2021 | 12:52

އޯރިއޯ ބިސްކޯދަކީ ގިނަބަޔަކަށް ކަމުދާ އެއްޗެކެވެ. އެހެންކަމުން އެ ބިސްކޯދުން ތަފާތު ބާވަތްތަކުގެ ފޮނި ކާއެއްޗެހި ތައްޔާރުކުރުމަކީ، ރޯދަ މަހުގައި އާންމުކޮށް ކުރާ ކަމެކެވެ. "ވޮއިސް"ގެ ކިޔުންތެރިންނަށް މިއަދު މި ގެނެސްދެނީ އެ ބިސްކޯދު ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ އޯރިއޯ ޓްރަފްލްސްއެއްގެ ރެސިޕީއެކެވެ.


ބޭނުންވާނެ ތަކެތި:

1 ބޮޑު އޯރިއޯ ބިސްކޯދު ޕެކެޓް (ކްރީމްގަނޑު ނަގާފައި)

225 ގްރާމް ކްރީމް ޗީޒް (މަޑުކޮށްހުރި)

1 ސައިސަމްސާ ވެނީލާ އެސެންސް 

2 ޖޯޑު ވައިޓް ޗޮކްލެޓް ޗިޕްސް (މެލްޓްކޮށްފައި)

1/2 ޖޯޑު ޗޮކްލެޓް ޗިޕްސް (މެލްޓްކޮށްފައި)


ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ މިކްސަރެއްގެ އެހީގައި އޯރިއޯ ބިސްކޯދުތައް ރަނގަޅަށް ފުނޑުކޮށްލާށެވެ. އެއަށްފަހު ދެ މޭޒުމަތީ ސަމްސާގެ ފުނޑުކޮށްފައިވާ އޯރިއޯތައް ފިޔަވައި އެހެން ހުރިހާ އޯރިއޯތައް ބޯތައްޓަކަށް އަޅާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ކްރީމް ޗީޒް އަދި ވެނީލާ އެސެންސް އެޅުމަށްފަހު ރަނގަޅަށް މިކްސްކޮށްލާށެވެ. 

ދެން ބޭކިންގ ޝީޓެއްގައި ބޭކިންގ ޕޭޕަރ އެޅުމަށްފަހު، އެއްކަލަ އޯރިއޯ މިކްސްޗަރއިން ގުޅަ ހެދުމަށްފަހު ބޭކިންގ ޕޭޕަރގެ މަތީގައި އަތުރާލާށެވެ. އެއަށްފަހު މީތި ފްރިޖަށް ލައި، 30 ވަރަކަށް މިނެޓްވަންދެން ބަހައްޓާށެވެ.

މި އެއްޗެހި ފްރިޖުން ނެގުމަށްފަހު ދެން ޖެހޭނީ މެލްޓްކޮށްފައި ހުރި ވައިޓް ޗޮކްލެޓްގެ ތެރެއަށްލައި، ރަނގަޅަށް ކަވަރކޮށްލާށެވެ. އެއަށްފަހު އަނެއްކާވެސް ބޭކިންގ ޝީޓްގެ މައްޗަށް މި ޓްރަފަލްތައް ލުމަށްފަހު، އޭގެ މައްޗަށް ޗޮކްލެޓް ބުރުވާލައި 15 މިނެޓްވަރު ވަންދެން ފްރިޖަށް ލާށެވެ. އޭރުން ހުންނާނީ އޯރިއޯ ޓްރަފަލްސް ތައްޔާރުވެފައެވެ!

Advertisement

ކޮމެންޓް