Advertisement

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއަށް ވީގޮތެއް ބެލުމަށް ރައީސް ނަޝީދުގެ ގަރާރެއް މަޖިލީހަށް

06 May 2021 | 16:19

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާއަށް ވީގޮތެއް ބެލުމްށް ބޭރުގެ ފަންނީ މާހިރުންނާއެކު، މަޖިލީހުން ކުރިއަށް ގެންދިއުމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) އަށް ބާރު ދިނުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އެ ގަރާރުގައި އެދިވަޑައިގެންފައި ވަނީ ބޭރުގެ މާހިރެއްގެ އެހީތެރިކަމާއެކު އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ބާރު ދިނުމަށެވެ.

ރައީސް ނަޝީދު މިގަރާރު ހުށަހަޅުއްވާފައި މިވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުލަތުގެ އިދާރާތަކުންނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި މަޖިލީހުގެ ބައެއް ކޮމިޓީތަކުން ވެސް އެ މައްސަލަ ބަލަމުންދާ ވަގުތެއްގަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަކީ އެމްޑީޕީގެ އެންމެ މުހިންމު އެއް ވަޢުދެވެ. އެ ޚިޔާނާތާ ގުޅިގެން ގެއްލުނު ފައިސާ ހޯދުމަށާއި، އެ ޚިޔާނާތުގެ މައްސަލަ މިހާރު ތަޙުޤީގު ކުރަމުންދަނީ، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި- ކޮރަޕްޝަން ކޮމިޝަނާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ.

އެހެން ނަމަވެސް މިއަދާހަމައަށްވެސް އެކަށީގެންވާ ބާރުމިނެއްގައި އެމައްސަލައާއި ގުޅޭ ތަޙުޤީގު ހިންގިފައިނުވުމުގެ އިތުރުން، އެ ފައިސާ ހޯދުމަށްވެސް އެކަށީގެންވާ މަސައްކަތެއް ކުރެވެމުންދާތަން ފެންނަމުން ނުދާ ކަމީ، ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއް ކަމެއްކަމަށްވެސް ރައީސް ނަޝީދުގެ ގަރާރުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް