ގައްދޫ ކައުންސިލްގެ އިންތިޚާބީ ރައީސް ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

06 May 2021 | 16:13

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ގދ.ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެފައިވާ މުޙައްމަދު އަޙްމަދު ބަންދުން ދޫކޮށްލި މައްސަލަ، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ކުޑަކުދިންތަކަށް ޖިންސީ ގޯނާކުރުމުގެ ދެ މައްސަލައެއްގެ ދަޢުވާ ލިބޭ މުޙައްމަދު އަޙްމަދު ވަނީ މިދިޔަ ކައުންސިލް އިންތިޚާބުގައި، ޖަލުގައި ހުރެގެން ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލްގެ ރައީސްކަމަށް ވާދަކޮށް ގޮނޑި ކާމިޔާބުކޮށްފައެވެ. ޤާނޫނުގައިވާ ގޮތުން، މައްސަލަތައް ސާބިތުނުވާހާ ހިނދެއްގައި އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އޭނާއަށް އޮތީ ހުޅުވިފައެވެ.

މުޙައްމަދު އަޙްމަދުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މީގެކުރިން ވަނީ އަމުރެއް ނެރެފައެވެ. ސަބަބަކީ އޭނާގެ ފަރާތުން މުޖުތަމަޢަށް ނުރައްކާވެދާނެކަމުގެ ފުރުޞަތު އޮތުމެވެ. ނަމަވެސް މެއި މަހުގެ 3 ވަނަ ދުވަހުގައި ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މުޙައްމަދު އަޙްމަދު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތުދޭ ގޮތުގައި އެ އޮފީހުން މިހާރު ވަނީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ އޮފީހުން ބުނީ މިބާވަތުގެ މައްސަލަތަކުގައި ދަޢުވާ ލިބޭ މީހަކު އިންތިޚާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއްކަމުގައި ދައުލަތުން ނުދެކޭ ކަމަށެވެ. އަދި މުޙައްމަދު އަޙްމަދު ދޫކޮށްލަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމާއި، އެ ނިންމުން ބިނާކުރިކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައިނުގަނެވޭކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ޕީޕީއެމްގެ ޓިކެޓްގައި މުޙައްމަދު ވާދަކުރާ ވާހަކަ މީސް މީޑިޔާގައި ގަދަވުމުން، އެ މައްސަލަ ބަލައި، ފިޔަވަޅު އަޅާނެކަމަށްބުނެ 18 މާރިޗުގައި ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ މައްސަލަ އަވަހަށް ބަލައި ނިންމައިދޭން ކަމާބެހޭ އިދާރާތަކުގެ ކިބައިން އެދިފައިވީނަމަވެސް، މުޙައްމަދުގެ ކުރީގެ މައްސަލަތައް އޮއްވައި އޭނާއަށް ޓިކެޓްދޭން އެއްބަސްވީ ކީއްވެގެންކަން ހާމަކޮށްދީފައެއް ނުވެއެވެ. އަދި އޭނާއަށް ޕީޕީއެމްއިން ކުރި ތާއިދު އަނބުރާ ގެނެސްފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ. މި މައްސަލައިގައި އެޕާޓީއަށް ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ.

Advertisement

ކޮމެންޓް