ރައީސް ނަޝީދަށް ދިން ހަމަލާ އިދިކޮޅުން ކުށްވެރި ކޮށްފި

06 May 2021 | 22:13

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އިން ކުށްވެރި ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ގެ ކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް އެ ސަރަޙައްދުގައި ކާރުކޮޅު ކައިރިން އެއްޗެއް ގޮވާ އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ޚަބަރު ކޯލިޝަންގެ ފަރާތުން އެހީ ކުއްލި ހައިރާން ކަމާއި އަސަރާއެކުގައި ކަމަށެވެ.

އަދި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަވަސް ޝިފާއެއް ދެއްވުން އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާ ކުރާކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ ގެކޮޅު ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ޙަޤީޤަތް ހޯދުމަށް އަވަސް ތަޙުޤީޤެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ގޮވާލައްވާފައެވެ.

އަދި ހަމައެއާއެކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދީފައި މިވާ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި އެ ޢަމަލު ރާވާ ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތައް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޤާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ގޮވާލާފައިވެއެވެ.

ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް، އެ ސަރަހައްދުގައި ހުރި ސައިކަލެއްގައި ގޮވުމެއް ވަނީ ދާދި ދެންމެއަކު ހިނގާފައެވެ. މި ހާދިސާގައި އަނިޔާވެގެން ރައީސް ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ދާދި ދެންމެއަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙުވެސް ވަނީ އޭޑީކޭއަށް ވަޑައިގަންނަވާފައެވެ.

Advertisement

ކޮމެންޓް