ތިނަދޫގައި 300 ޓަނުގެ ފެން ޕްލާންޓެއް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަހައްޓާނަން: ފެނަކަ

22 Dec 2018 | 23:05

ގދ.ތިނަދޫގެ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެރަށުގެ ފެނުގެ ހިދުމަތަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެރަށުގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 300 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ފައްޓާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައިވަނީ ތިނަދޫގެ ފެން ޕްލާންޓަށް ދިމާވި މައްސަލައާއި ގުޅިގެން އެރަށުގެ ފެނުގެ ހިދުމަތަށް ބުރޫ އަރާފައިވާތީ ނެރުނު ބަޔާނެއްގައެވެ.

ފެނަކައިން ބުނީ އެކުންފުނީގެ ފަރާތުން ގދ.ތިނަދޫގައި ދެމުންގެންދިޔަ ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދިޔަ 150ޓަނުގެ ފެން ޕްލާންޓަށް ކުއްލި ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅުގައި ރަށުގެ އެކި ހިސާބުތަކުން ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށާއި އެކަމާއި ގުޅިގެން ރައްޔިތުން އުފުލަން ޖެހޭ ތަކުލީފަށްވެސް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.

އަދި ތިނަދޫގެ ރައްޔިތުންނަށް ސާފުބޯފެން ފޯރުކޮށްދިނުމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 300ޓަނުގެ ފެންޕްލާންޓެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފައްޓާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި މި ދަނޑިވަޅުގައި ތިނަދޫގެ ރައްޔިތުން ފެނަކައަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް އެކުންފުނިން ވަނީ ޝުކުރުއަދާކޮށްފައެވެ.

Advertisement

ކޮމެންޓް