ކޮވިޑް ވެކްސިންދޭ ގަޑިތަކަށް ބަދަލުތަކެއް!

08 May 2021 | 12:54

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކުރިއަށްގެންދާ ކޮވިޑް ވެކްސިނޭޝަން ޕްރޮގުރާމުގެ ދަށުން މާލެ ސަރަޙައްދުގައި އަނެއްކާވެސް ދުވާލުގަޑީގައި ވެކްސިން ދޭން ފަށައިފިއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުން އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާލެ ސަރަޙައްދުގައި ކާފިއު އިޢުލާނުކޮށް ރޭގަނޑު 9:00 އިން ފެށިގެން ފަތިހު ހަތަރެއް ޖެހުމާއި ހަމައަށް ބޭރުގައި އުޅުން މަނާ ކުރުމާ ގުޅިގެންނެވެ.

އެގޮތުން މާލެ ސަރަހައްދުގައި ވެކްސިން ދިނުން މިހާރު ހަމަޖެހިފައިވަނީ ހެނދުނު 9:00 ފެށިގެން 11:00 އަށްކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ. މިގަޑިތަކުގައި ވެކްސިން ޖެހުމަށް އަންނަ ފަރާތްތަކުން ވީހާވެސް ލަހުން ހާރުކައިގެން، އަވަހަށް ވެކްސިން ޖެހުމަށް އައުމަށް ވަނީ އެދިފައެވެ.

މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ރާއްޖޭގައި ވެކްސިން ދިނުން ފަށާފައިވާއިރު ރޯދަމަސް ފެށުމާއި ހަމައަށް ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައިވަނީ ދުވާލު ގަޑީގައެވެ.

މާލޭ ސަރަހައްދުގެ ތިން ސެންޓަރަކުން ވެކްސިން ދޭން އެޗްޕީއޭ އިން ވަނީ ނިންމާފަ އެވެ. އެއީ މާލޭގެ އާޓް ގެލެރީގައި ހުންނަ ވެކްސިން ސެންޓަރާއި ވިލިމާލޭ ޔޫތް ސެންޓަރުގައި ހުންނަ ވެކްސިން ސެންޓަރާއި ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުންނަ ވެކްސިން ސެންޓަރެވެ.

Advertisement

ކޮމެންޓް