ބެންގަލޫރު އެފްސީން އުސޫލުތައް މުގުރާލުމުން މަޚްލޫފް ވިދާޅުވީ އެ ކްލަބުން ރާއްޖެ ދޫކޮށް ވަގުތުން ދާންޖެހޭނެކަމަށް!

09 May 2021 | 10:44

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ވާދަކުރުމަށް ދިވެހިރާއްޖެއަށް އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީން ޢަމަލުކޮށްފައިވާ ގޮތާއި މެދު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޚްލޫފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ކޮވިޑް-19ގެ ދުވަސްވަރުގައި ދަތުރުކޮށްގެން މެޗުތައް ކުޅުމާއި ގުޅޭގޮތުން އޭއެފްސީން ހަމަޖައްސާފައިވާ އުސޫލުތަކުގައިވާ ގޮތުގައި، ޓީމުތަކުން ތަނަކަށް ދަތުރުކުރުމަށްފަހު އެތަނެއްގައި ތިބޭ ހޮޓަލުން ނިކުމެވޭނީ ހަމައެކަނި މެޗުތައް ކުޅުމަށާއި ޕްރެކްޓިސް ސެޝަންތަކަށެވެ. އަދި ކުޅުންތެރިން އަބަދުވެސް އުޅެންވާނީ ޚާއްޞަބައޯ ބަބްލްއެއްގެ ތެރޭގައެވެ.

ދިވެހިރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަހަަކު ނުދާހާ މިންވަރަކަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި، ބެންގަލޫރު އެފްސީގެ ކުޅުންތެރިން ރާއްޖެއަށް އައީވެސް އެ ޝަރުތުތަކުގެ މަތިންނެވެ. އެ ޝަރުތުތަކަށް ތަބާވެ، އެ ފިޔަވަަޅުތަކަށް ޢަމަލުކުރާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ފެނިގެންދިޔަ މަންޒަރު އެކަމާއި މުޅީން ދިމާ އިދިކޮޅެވެ. މީސް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން އިއްޔެ ވަނީ މާލޭގެ މަގުމަތީގައި ހަރަކާތްތެރިވެފައެވެ.

އެފަރާތްތަކުން މާސްކް އަޅައިގެން ތިއްބަސް، މިއީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފު ޢަމަލެއްކަމުން ގިނަބަޔަކު ދަނީ މިކަމާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބެންގަލޫރު އެފްސީގެ ކުޅުންތެރިންގެ މި ޢަމަލުތަކާއި މެދު ނުރުހުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޚްލޫފްވެސް ހިމެނިވަޑައިގަންނަވައެވެ. މަޚްލޫފް ވިދާޅުވީ އެޗްޕީއޭ އަދި އޭއެފްސީގެ ގައިޑްލައިންތަކާއި ބެންގަލޫރު އެފްސީން ޚިލާފުވުމަކީ ގަބޫލުކުރެވޭނެފަދަ ކަމެއް ނޫންކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ޓީމުން ދިވެހިރާއްޖެ ދޫކޮށް ވަގުތުން ދާންޖެހޭނެކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

މަޚްލޫފް ވަނީ، ކޮވިޑްގެ ކޭސްތައް މަތިވެފައި އޮވެ، އާންމުންގެ ތެރެއިން ގިނަބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށްވެސް ބެންގަލޫރު އެފްސީއަށް ރާއްޖެއަށް އައުމުގެ ހުއްދަ ދެވުނީ މީގެ މަސްތަކެއްގެ ކުރިން ވެފައިވާ އެއްބަސްވުމަކަށް އިޙުތިރާމުކުރުމުގެ ގޮތުންކަމަށްވެސް ހާމަކުރައްވާފައެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ، އެ ޓީމު ކުޅޭ މެޗު ނުބޭއްވޭނެކަން އެފްއޭއެމަށް އަންގާފައިވާނެކަމަށާއި ބެންގަލޫރު އެފްސީ ފުރުވާލުމުގެ އިންތިޒާމުތައް ހަމަޖައްސަންވެސް ޔޫތު މިނިސްޓްރީން އަންގާފައިވާނެކަމަށެވެ. އަދި ގްރޫޕް ސްޓޭޖްގެ އިތުރު މެޗުތައް ބޭއްވުމާއި މެދު އެފްއޭއެމް މެދުވެރިކޮށް އޭއެފްސީއާއި އެކު އިތުރު މަޝްވަރާތަކެއް ކުރެވެމުންދާނެ ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް