Advertisement

އެޗްޕީއޭގެ ހުއްދަ ހޯދަންޖެހެނީ މޮނިޓަރިންގައި އޮތް ރަށަކަށް ދަތުރުކުރާނަމަ!

10 May 2021 | 11:40

ކޮވިޑް-19 ގެ ބަލި ފެނިގެން މޮނިޓަރިންގެ ހާލަތަށް ލާފައިނުވާ އެއްރަށުން އެފަދަ އެހެން ރަށަކަށް ދަތުރު ކުރުމުގައި އެޗްޕީއޭގެ ހުއްދަ ހޯދާކަށް ނުޖެހޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ ފަހުގެ މަޢުލޫމާތު ހިއްސާ ކުރުމަށް މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އެޗްޕީއޭގެ ހުއްދަ ނެގުމުގައި ބައެއް ފަރާތްތަކަށް އެކަން އޮންނަ ގޮތް މުޅިން ސާފުވެފައި ނުވާކަމަށެވެ. 

އެކަން ހަމަޖެހިފައި އޮންނަ ގޮތުގެ ތަފުސީލު ދެއްވަމުން މަބްރޫކް ވިދާޅުވީ، މޮނިޓަރިންގެ ހާލަތަށް ލާފައިނުވާ އެއްރަށުން އެފަދަ އެހެން ރަށަކަށް ދަތުރު ކުރުމުގައި އެޗްޕީއޭގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށާއި އެޗްޕީއޭގެ ހުއްދައެއް ބޭނުންވާނީ މޮނިޓަރިންއަށް ލާފައިވާ ރަށަކުން އެހެން ރަށަަކަށް ދަތުރުކުރަން ބޭނުންވާކަމުގައި ވާނަމަ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މޮނިޓަރިންގައި ނެތް ރަށްރަށަކުން އެފަދަ އެހެން ރަށަކަށް ޒަރޫރީ ބޭނުންތަކުގައި ދަތުރު ކުރާނަމަ  އެ ހުއްދައެއް ދިނުމުގެ ކަންކަން ކުރިޔަށް ގެންދަވަން ޖެހޭނީ އެ ދެރަށުގެ ކައުންސިލުން ކޯޑިނޭޓް ކުރައްވައިގެން ކަމަށެވެ.

މިމަހުގެ 5 ން 15 ވަނަ ދުވަހާއި ހަމައަށް، ޒަރޫރީ ބޭނުންތަކުގައި ނޫންގޮތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން އެޗްޕީއޭއިންވަނީ މަނާ ކުރައްވާފައެވެ. މި އެންގުމާއި ގުޅިގެން ރަށްރަށުގައި ދަތުރު ކުރުމުގެ ހުއްދަ ދޫކުރަމުން ދަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓިން ތައްޔާރު ކުރައްވާފައިވާ ދަތުރު ޕޯޓަލް މެދުވެރިކޮށެވެ.

Advertisement

ކޮމެންޓް