ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވާނެ ޤާނޫނީ ހުއްޖަތެއް ނެތް - އިލެކްޝަންސް

27 Sep 2018 | 22:30

ޕީޕީއެމް އިން މާދަމާ ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކުއްލި ކޮންގްރެސް ހުޓުވާނޭ ޤާނޫނީ ހުއްޖަތެއް ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

ޕީޕީއެމް ގެ ކޮންގްރެސްއާއި ދިމާކޮށް ރައީސް މައުމޫން ގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އިލެކްޝަނަށް ހުށަހަޅާފައިވާ މައްސަލައާއި ބެހޭ ގޮތުން މިރޭ ގޮތެއް ނިންމާފައިވަނީ މީގެ ކުރިން ޕީޕީއެމްގެ މައްސަލާގައި ކޯޓުން ކޮށްފައިވާ ހުކުމަށް ރިޔާއަތް ކުރައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސަށް، ނަދީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމް އިން 28 ސެޕްޓެމްބަރ ގައި ބާއްވާނެކަމަށް އިއުލާން ކޮށްފައިވާ ގައުމީ ޖަލްސާ އަކީ ޕާޓީގެ އަސާސީ ޤަވައިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ބާއްވާ ގައުމީ ޖަލްސާއެއް ކަމަށެވެ.

ނަދީމް އިތުރަށް ވިދާޅުވެފައި ވަނީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ވެސް ޕާޓީގެ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމށްވާއިރު ޕާޓީގެ ރައީސް ޕާޓީގެ މެންބަރުކަމުން ވަކިކުރިކަމަށް އަސާސީ ޤަވައިދާ ހިލާފަށް ވަނީ ކަނޑައަޅާފައެވެ. އެކަމުގެ ޝަކުވާ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވާނެ ކަމަށް ނަދީމްގެ ސިޓީގައި ވެއެވެ.

ޕީޕީއެމްގެ ކުއްލި ކޮންގްރެސްއާއި ބެހޭގޮތުން ރޭވެސް ވަނީ ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ. ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ މުޝްތަޝާރު ރައީސް ޔާމީންއެވެ.

މާދަމާ ބޭއްވޭ ކޮންގްރެސްގައި ބޮޑެތި ނިންމުންތަކެއް ނިންމާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް

Advertisement