ހިޔާނަތު ފައިސާ ލިބިފައިވާނަމަ ވަގުތުން އިސްތިއުފާ ދޭނެކަމަށް ޝަރީފް ވިދާޅުވެއްޖެ

12 May 2021 | 16:29

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ނަމަ ވަގުތުން އިސްތިއުފާ ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ފޮނުވި ގޮތަށް އާންމު ކުރުމަށް އެ ލިސްޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން އާންމު ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް މިހަަރު ލީކް ވެފައި މިވަނީ ސައްޙަ ލިސްޓް އެއް ނޫނެވެ. މިހާރު ލީކްވެފައިވާ ލިސްޓުގައި ޝަރީފަށް ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް އެނގެން އޮވެއެވެ. މިކަމާއިމެދު ދެކެވޭ ވާހަތަކާއި ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއްވެސް ފައިސާއެއް ލިބިފައިވާނަމަ ވަގުތުން މަޤާމުން އިސްތިއުފަ ދެއްވީސް ކަމަށެވެ.

"އަޅުގަނޑު ތީން އެއްވެސް ފައިސާއެއް ލިބިފައިވާނަމަ އަޅުގަނޑު ވަގުތުން އިސްތިއުފާ ދިނީމުސް. ވަކި މީހަކަށް ޓާގެޓްކޮށްގެން ސިޔާސީ ބޭނުމަށް ކޮށްފައިވާ ކަމެއް ތިޔައީ. މަޖިލިސްގައި އަޅުގަނޑު ވޯޓް ދީފައިވާނީ އަޅުގަނޑުގެ ޕާޓީގެ ވިޕްއާއި އެއްގޮތަށް. ރެކޯޑް ބައްލަވާ ލެއްވީމަ އެކަން ސާފުވާނެ." ޝަރީފް

މި ޚިޔާނާތުގެ މައްސަލައިގެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގައި ޝާމިލުވާ މީހުންގެ ލިސްޓު ސަބްކޮމިޓީގެ ރިޕޯޓާއިއެކު އާންމު ކުރުމަށް ވަނީ ނިންމާފައެވެ.އަދި އާންމުކުރަން ނިންމި ލިސްޓްގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން ހިމެނޭ ކަމަށާއި އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް