ރާއްޖޭގައި ކޮވިޑް-19އާއި ދެކޮޅަށް ސްޕަޓްނިކް ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފި

12 May 2021 | 23:52

ކޮވިޑް-19 އަށް ރަޝިއާއިން އުފައްދާފައިވާ "Sputinik V" ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

އެ އޮތޯރިޓީން ވިދާޅުވެފައިވަނީ، މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން" ގައި ބޭނުން ކުރުމަށާއި، އުމުރުން 18 (އަށާރަ) އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށް ކަމަށެވެ.

ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވަނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުގައި ކަމަށް އެ އޮތޯރިޓީން ވިދާޅުވެފައިވެއެވެ.

މިވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ ދި ގަމާލޭޔާ ނޭޝަނަލް ސެންޓަރ އޮފް އެޕިޑާރމަލޮޖީ އިންނެވެ.

އެންޑް މައިކްރޯބައޮލޮޖީ މިވެކްސިން ބަހައްޓަންޖެހެނީ -18 ޑިގްރީ ސެލްސިއަސްގެ ގެ ފިނިހޫނުމިނެއްގައެވެ. އެހެންކަމުން އޮތޯރިޓީން މިވެކްސިންއަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އެހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމުގައި އެ އޮތޯރިޓީން ވިދާޅުވެފައިވެއެވެ.

މިވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެއޮތޯރިޓީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ގާތުން ބަލަމުން ގެންދާނެ ކަމަށްވެސް ޑްރަގް އޮތޯރިޓީން ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ހަތަރު ވަނަ ވެކްސިނެވެ. މިވެކްސިންއަކީ 66 ޤައުމެއްގައި މިހާރުވެސް އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ. 

Advertisement

ކޮމެންޓް

Advertisement