Advertisement

ރޮބޯމޭން މަދަހަ މުބާރާތް މިފަަހަރު ރ.އިނގުރައިދޫގައި!

14 May 2021 | 19:29

ކުޑަކުދިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ "ރޮބޯމޭން"ގެ ފަރާތުން މަދަހަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ރޮބޯމޭން މަދަހަ މުބާރާތް 1442 ބޭއްވުމަށް ހަމަޖެހިފައިވަނީ ރ.އިނގުރައިދޫއަށް ޚާއްޞަކޮށްގެންނެވެ. މި މުބާރާތުގައި ބައިވެރިވާ ކުދިންނަށް ވަނީ އަގުހުރި އިނާމުތަކެއް ހުށައެޅިފައެވެ.

އެގޮތުން މުޅި މުބާރާތުން އެއްވަނައަށްދާ ކުއްޖަކަށް 5000 ރުފިޔާ އަދި އަމިއްލަ މަދަހައެއް ރެކޯޑްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ދެވަނައަށްދާ ކުއްޖަކަށް 3000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ކުއްޖާއަށް 1500 ރުފިޔާ ވަނީ ހުށައެޅިފައެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރައަކުން ވަނަތަކަށް ހޮވޭ ކުދިންނަށްވެސް ވަނީ އިނާމުތަކެއް ހުށައެޅިފައެވެ.

މި މުބާރާތުގެ ކޮންމެ އުމުރުފުރައަކުން އެއްވަނައަށްދާ ކުއްޖަކަށް 1000 ރުފިޔާ ލިބޭނެއެވެ. އަދި ދެވަނައާއި ތިންވަނައަށްދާ ކުއްޖަކަށް ޚާއްޞަ ގިފްޓް ޕެކެއް ލިބޭނެއެވެ. މި މުބާރާތުގައި ހިމެނިފައިވަނީ ތިން އުމުރުފުރާއެކެވެ. އެއީ 6 އަހަރާއި 8 އަހަރާއި ދެމެދު، 9 އަހަރާއި 12 އަހަރާއި ދެމެދުގެ އިތުރުން އަދި 13 އަހަރާއި 16 އަހަރާއި ދެމެދެވެ.

މި މުބާރާތުގައި ބައިވެރިވާނެ ފޯމު، މި ބަހަށް ފިއްތާލުމުން ލިބޭނެއެވެ. އަދި "ވޮއިސް"ގެ ފޭސްބުކް ޕޭޖުންވެސް މި ފޯމު ލިބިވަޑައިގަންނަވާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މެއި 20ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6 ޖަހާއިރެވެ. އަދި މި މުބާރާތަށް މަދަހަ ފޮނުވުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ 31ވާ ހޯމަ ދުވަހުގެ ހަވީރު 6 ޖަހާއިރެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 7972112 އަށެވެ.

"ވޮއިސް" އަދި "އިމްތިޔާޒް"އާއި ގުޅިގެން ބާއްވާ ރޮބޯމޭން މަދަހަ މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމެވެ.

Advertisement

ކޮމެންޓް