ކޮވިޑްގެ ހާލަތު ގޯސްވާތީ ފިޔަވަޅުތައް ވަރުގަދަކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

19 May 2021 | 19:31

ކޮވިޑްގެ ހާލަތު ގޯސްވާތީ ފިޔަވަޅުތައް ވަރުގަދަކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފެވެ.

މި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 12 މެންބަރަކު ވޯޓު ދެއްވާފައިވާއިރު، މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 18 މެންބަރަކު ވޯޓު ދީފައިވެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ މީހުން މަރުވާ އަދަދާއި، އެ ބައްޔަށް މީހުން ޕޮޒިޓިވް ވާ އަދަދާއި ކަރަންޓީނު ކުރާ މީހުންގެ އަދަދާއި މޮނިޓަރިން ހާލަތަށް ބަދަލުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

މީގެ އިތުރުން، ރަށްރަށުގައި ނަގާ ކޮވިޑްގެ ޓެސްޓުގެ ނަތީޖާ ނުލިބި ގިނަ ދުވަސްވާކަމަށާއި، އަދި މިކަމުގައި ހަރަކާތްތެރިވާ ޞިއްޙީ ފަރާތްތައް ވަރުބަލިވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން، އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލުތަކާއި ކޮވިޑް ސެންޓަރުތަކުގެ ބެޑް ކެޕޭސިޓީ އާއި އިންސާނީ ވަސީލަތް މަދުވެ، ބައްޔަށް ޕޮޒިޓިވް ވަމުންދާ ފަރާތްތަކަށް އެޓެންޑް ނުކުރެވި، ފަރުވާ ލަސްވެ ގިނަބައެއްގެ ފުރާނައަށް ނުރައްކާ ވެދާނެ ކަަމަށް ބެލެވޭތީއާއި ވެކްސިން ޖެހުމުގެ ކަންތައް ރަނގަޅަށް ކުރިއަށް ނުދާތީ އާއި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ދެވަނަ ޑޯޒް ނުޖެހި އެތައް ހާސް ބަޔަކު ތިބިކަމަށްވެސް މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އިތުރު ވަސީލަތްތައް ގާއިމު ކުރުމަށާއި، އިތުރަށް ބޭނުންވާ އިންސާނީ އިތުރު ވަސީލަތްތައް ހޯދައި ދިނުމަށާއި އަދި އީޖާބީ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާ ފިޔަވަޅުތައް އަޅައި ކޮވިޑް-19 މެނޭޖު ކުރުމާއި ވެކްސިން ޖެހުމުގެ ކަންކަން މިހާރަށްވުރެން ހަރުދަނާ ގޮތެއްގައި ކުރެވޭނެ ގޮތްތަކަކަށް އިންތިޒާމު ކުރުމަށާއި މިކަންތައް އަވަސް ކުރުމަށް ޝަރީފް ވަނީ ސަރުކާރަށް ގޮވާލާފައިވެއެވެ.

ނަމަވެސް މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރެވޭގޮތްވަނީ ނުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ މިއަދުގެ މިހާތަނަށްވެސް 6 މީހަކުވަނީ ނިޔާވެފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

Advertisement

ކޮމެންޓް