ޚިޔާނާތުގެ ތުހުމަތު ކުރެވޭ އެންމެން މަޤާމުތަކުން ވަކިކުރަން ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

20 May 2021 | 08:37

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން، ދައުލަތުގެ އެކި މަޤާމުތަކުގައި މިހާރު ތިބި މީހުން އެ މަޤާމުތަކުން ވަކި ކުރަން ސަރުކާރަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބޮޑު ޚިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވި ފަރާތްތަކާއި މިހާރު ތިއްބެވި ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ވަޒީފާތަކާއި އެކި މުއައްސަސާތަކާއި ސަލާމަތި ބާރުތަކުގައި ކުރިން ތިއްބެވި ފަރާތްތަކާއި މިހާރު ތިއްބެވި ފަރާތްތަކުގެ މައްޗަަށް، އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާ ޖިނާއީ ތަޙުޤީޤު ލަސްވަމުންދާ މައްސަަލަ ބަލައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީން އެކުލަވާލި ތަޙުޤީޤީ ރިޕޯޓު މިއަދުގެ ޖަލްސާއިން ފާސްކުރި އިރު، އެ ކޮމިޓީގެ ރެކޮމެންޑޭޝަނެއްގެ ގޮތުގައި ރިޕޯޓުގައި އެކަންވަނީ ހިމަނާފައެވެ.

މި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ އިއްތިފާގުންނެވެ. މި ރިކޮމެންޑޭޝަން ތަކުގެ ތެރޭގައި މަޖިލީހުން ފާސްކުރި ކޮމިޓީ ރިޕޯޓުގައި އަށް ރެކޮމަންޑޭޝަނެއް ހުށަހަޅަން ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ބޮޑު ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ، ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މަޢުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ފަރާތްތަކަކަށްވާތީ، މައްސަލައިގެ ތަޙުޤީޤު އަވަސް ކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގައި ދެންނެވުމަށްވެސް ވަނީ ފާސްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ވައްކަމާއި، ޚިޔާނާތުގެ މައްސަލައިގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ތަޙުޤީޤު ނިމިފައިވާ ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާގައި ދެންނެވުމަށް ފެންނަ ކަމަށާއި، އެ މަސައްކަތް ކުރިއަށްގެންދާ ގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިއުމަށް ވެސް ވަނީ ހިމަނައިފައެވެ.

އެމްއެމްޕީއާރުސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙުޤީޤު ކުރަމުން އަންނަ އިރު، އެ ފަރާތްތަކާމެދު، އެވަގުތަކު އެޅެން ހުރި މުުހިންމު ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށާއި އެގޮތުން ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުގެ ތެރެއިން، ވަކި ކުރެވޭނެ ފަރާތްތައް މަޤާމުތަކުން ވަކި ކުރުމަށް ފެންނަ ކަމަށް ހުށަހަޅަންވެސް ވަނީ ހިމަނައިފައެވެ.

އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާ ދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުން ކަމަށްވާތީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތަޙުޤީޤު އަވަސް ކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ވެސް ވަނީ ހިމަނައިފައެވެ.

އޭގެ އިތުރުން އެ މައްސަލައިގެ ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ހިންގާ އިރު ތަހުގީގީ އިދާރާތަކުން އެއް އުސޫލެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ފެންނަ ކަމަށާއި އެފަދަ އިންވެސްޓިގޭޝަންތައް ހިންގާނެ ހަރުދަނާ އުސޫލުތައް އެކުލަވާލުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވެސް ހިމަނާފައިވެއެވެ.

ރާއްޖޭގައި ފައިނޭންޝަލް ކްރައިމްސް ގިނަވަމުންދާކަން ފާހަގަވާތީ، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދާއިރާ އިން މީހުން ތަމްރީނު ކުރުމަށް އިސްކަން ދިނުމަށް ފެންނަ ކަމަށާއި މިފަދަ ތަޙުޤީޤުތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދީ، އެފަދަ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާތައް ހަރުދަނާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދެންނެވުންވެސް ހިމެނެއެވެ.

އޭގެ އިތުރުން ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް ތަޙުޤީޤީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެ ފަރާތްތަކުގައި ދެންނެވުމަށްވެސް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ލިސްޓު މަޖިލީހުން އާންމު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ 119 މީހުންނަކީ މިހާރުވެސް ދައުލަތުގެ އެކި މަޤާމުތަކުގައި ތިބި މީހުންނެވެ.

Advertisement

ކޮމެންޓް