ޕޮޒިޓިވްވާ މީހުން ގިނަވެ އޭދަފުށިން ރެންޑަމް ސާމްޕަލް ނަގަނީ

22 May 2021 | 02:50

އޭދަފުށީގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާނީ، ހާލަތު ދެނެގަތުމަށް ރަށުގެ އެކި ގޭގެއަށް ގޮސް ރެންޑަން ސާމްޕަލް ނަގަން ނިންމައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިފަހަކަށް އައިސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޭސްތައް އިތުރުވަމުންދާއިރު އޭގެ ތެރޭގައި ރެންޑަމް ސާމްޕަލް އަދި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުން އަންނަނީ އިތުރުވަމުންނެވެ.

އެރަށުގައި ހުންނަ ބ. އަތޮޅުގެ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެފައިވަނީ، މާދަމާ އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް ސާމްޕަލް ނަގާނެ ކަމަށާއި މީގެ އިތުރުން މާދަމާ 10:00 ން 12:00 އަށް ރެންޑަމް ސާމްޕަލް ނެގުންވެސް ކުރިޔަށް ދާނެ ކަމަށެވެ.

ސާމްޕަލް ނެގުމުގެ ކަންކަމުގައި ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުންދާ ކަމަށް އެރަށަށް ނިސްބަތްވާ އޭދަފުށި ޓައިމްސްގައި އަތޮޅު ހޮސްޕިޓަލާއި ހަވާލާދީ ބުނެފައިވެއެވެ.

އޭދަފުށިން މިދިޔަ މަހުގެ ކޮވިޑްގެ ކޭސްތަކެއް ފެނުނު ފަހުން މިހާތަނަށް 245 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

އޭގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ހިމެނެނީ 71 ކޭސްއެވެ. އެރަށުން މިބަލި ޖެހުނު 174 މީހަކު މިހާރު ވަނީ ބަލިން ފަސޭހަ ވެފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 3 މީހަކަށް ފަރުވާ ދެމުންއެބަދެއެވެ.

ފޮޓޯ: ޕީއެސްއެމް

Advertisement

ކޮމެންޓް

Advertisement