Advertisement

ފުލުހުންނާއި ސިފައިންގެ ތެރެއިން ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ލިސްޓްތައް ހާމަކުރަން ގޮވާލައިފި

22 May 2021 | 13:46

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކެޓަގަރީގެ ކަންތައްތައް ހިނގަމުންދާ ގޮތާއިމެދު އާއްމުންގެ އެކުވެރި ޖަމްއިއްޔާ (އޭއީޖީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޖަމްއިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގައި ސިފައިންނާއި ފުލުހުންނަށް ޖުމްލަ 600 ފްލެޓް ޚާއްސަކުރެވިފައިވާކަމަށާއި، ގުރުއަތުލުމުގެ ކަންތައްތައް ނިމިގެންދިޔަ އިރުވެސް ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓްތައް އެ ދެ މުއައްސަސާއިންނާއި ހައުސިންގ މިނިސްޓްރީންވެސް ހާމަކޮށްފައިނުވާކަމަށެވެ. އޭއީޖީން ބުނީ ފުލުހުންނާއި ސިފައިންނަށް ފްލެޓްތަކުގެ ވަގުތީ ލިސްޓެއް ދައްކާފައިވާ މައުލޫމާތު ލިބިފައިވާކަމަށާއި، ނަމަވެސް އެފަރާތްތަކަށް މިހާތަނަށް ދާއިމީ ލިސްޓް ދައްކާފައި ނުވާކަމަށެވެ.

"ހިޔާ އަކީ ފުލުހުން ނުވަތަ ސިފައިންގެ މުއައްސަސާގެ މަޝްރޫއެއް ނޫނެވެ. މިއީ އިޖްތިމާއި ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. ވީމާ ސިވިލް ސާވިސް އާއި އެހެން ބައިތަކެކޭ އެއްގޮތަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ފްލެޓު ދޭން ނިންމި ފަރާތް އަދި ލިބުނު ޕޮއިންޓު އެނގޭ ގޮތަށް އާންމުންނަށް ފެންނަހެން ލިސްޓު ނެރެން ޖެހެއެވެ. އަދި ހަމަ އެހެންމެ އާންމުންނެކޭ އެއްފަދައިން ވެރިފިކޭޝަނަށް ހައުސިން މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ. ގުރުލާން ޖެހޭނީވެސް އާންމުންގެ އެހެން މީހުންގެ ފްލެޓުވެސް ގުރުލި އުސޫލުން ކާކުކަން އެނގޭ ގޮތަށެވެ"، އާއްމުންގެ އެކުވެރި ގުޅުމުން ބުނެފައިވެއެވެ.

އެހެންކަމުން ހުރިހާ ކެޓެގަރީތަކެކޭވެސް އެއްފަދައިން، ހިޔާ މަޝްރޫއުގެ 600 ފްލެޓު ފުލުހުންނާއި ސިފައިންގެ ތެރެއިން ދިން ފަރާތްތަކުގެ ލިސްޓު ހާމަކުރަން އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް