ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް އިތުރު ކެއަރޓޭކަރުންތަކެއް!

23 May 2021 | 21:35

ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބޭ ބަލިމީހުންނަށް އެހީތެރިވުމަށް ކެއަރ ޓޭކަރުންގެ ގޮތުގައި ދެ މިނިސްޓްރީއަކުން ޓީމުތައް ހަރަކާތްތެރި ވާގޮތަށް ހަމަޖެހިއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރުމަށް މިއަދު ހަވީރު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބި ބަލި މީހުންނަށް އެހީތެރި ވުމުގެ ގޮތުން ކެއަރ ޓޭކަރުންގެ ގޮތުގައި ޖެންޑަރ މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޓީމެއް މިކަމުގައި ހަރަކާތްތެރިވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، މަބްރޫކް ވިދާޅުވީ، ކޮވިޑް ބަލީގެ ބަލިމީހުންނަށް ފަރުވާދިނުމުގެ ކަންކަމުގައި އެހީތެރިވުމަށް ނަރުސްކަމުގެ ދާއިރާއިން ތަޢުލީމު ހާސިލު ކުރަމުން ގެންދާ ފަރާތްތައްވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރުމަށް ނެރުމަށް ތައްޔާރުވަމުން ދާ ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ މިހާރުވެސް އެންމެ ގިނަ އަދަދެއްގެ ކޮވިޑް ބަލިމީހުންނަށް ފަރުވާ ދެމުން ގެންދާ ތަނެވެ. ނަމަވެސް، އެ ފެސިލިޓީގެ އިންތިޒާމުތަކާއި ގުޅޭގޮތުން ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement