ހަމަލާ ރޭވުމުގައި އިސްކޮށްތިބީ ކޮންބައެއްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދޭ: ރައީސް ޞާލިޙް

26 May 2021 | 12:05

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ހަމަލާ ދިނުމަށް ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މަޢުލޫމާތުދެއްވުމަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ރޭވުމުގެ ފަހަތުގައި ތިބި ފަރާތްތައް ކަމަށް ޝައްކުކުރެވޭ ބަޔަކު ހައްޔަރުކޮށް، ހަމަލާ ދިނުމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ފުލުހުން މިހާރު ވަނީ އެހަމަލާއާއި ގުޅޭ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށާއި، މިހަމަލާ ރޭވުމުގައި ފައިސާއެއް އެކުލެވިގެންތޯ ބެލުމަށް އެމެރިކާގެ އެކްސްޕާޓާއެކީގައި ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށެވެ.

"އޭގެ ވެސް ވަރަށް ގިނަ މަޢުލޫމާތުތަކެއް، ކަމާ ބެހޭގޮތުން ދާންވީ ދިމާ ހޯދުމަށްޓަކައި މަޢުލޫމާތުތައް ވަނީ އެއް ކުރެވިފައި. އަދި މިކަމުގައި ފައިސާ އެކުލެވިގެންވޭތޯ ބެލުމަށްޓަކައި އެމެރިކާގެ އެކްސްޕާޓާ އެކީގައި މަސައްކަތްތަކެއް ވަރަށް އަވަހަށް ކުރިއަށްދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާގައި ލިބުނު އަނިޔާއަށް އިތުރު ފަރުވާ ހޯދުމަށް ރައީސް ނަޝީދު މިހާރު ހުންނެވީ ޖަރުމަން ވިލާތުގައެވެ. ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނާއި އާއިލީ ބޭފުޅުންގެ ތުހުމަތަކާއި އިހުމާލު ވުން މި ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި އަޅަމުންދިޔަ ނަމަވެސް މިހަމަލާ ރޭވުމުގައި ހަރަކަތްތެރިވެފައިވަނީ ހަރުކަށި ފިކުރުގެ ބަޔެއްކަމަށް ފުލުހުން މިވަނީ ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް