ރެއާލްމެޑްރިޑްގެ ކުޅުންތެރިޔަކު ނުހިމަނާ ސްޕެއިން ޓީމު ޔޫރޯއަށް!

26 May 2021 | 14:20

ޔޫރަޕްގެ ޤައުމީޓީމުތަކުގެ މެދުގައި ކުޅެވޭ ޔޫއެފާ ޔޫރޯ 2020 ވަނަ ފުޓްބޯޅަ މުބާރާތް މިއަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތައް އެކުލަވާލި ސްޕެއިންގެ ސްކޮޑުގައި އެޤައުމުގެ މަޝްހޫރު ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިޔަކު ހިމެނިފައި ނުވާތީ އެކުލަބުގެ ސަޕޯޓަރުން ރުޅިގަދަވެއްޖެއެވެ.

ސްޕެއިނުގެ ފުޓްބޯޅައިގެ ތާރީޚުގައިވެސް އެޤައުމުގެ ޤައުމީ ޓީމުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިޔަކު ނުހިމެނުނު މިއީ ފުރަތަމަ ފަހަރެވެ. އަދި މިކަމާއި ގުޅިގެން އެޓީމުގެ ސަޕޯޓަރުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. ޚާއްޞަކޮށް ޤައުމީ ޓީމާއި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ހިމެނިފައި ނެތުމުން ޓީމުގެ ގާބިލު ކަމާއި މެދު ސުވާލު އުފައްދާ މީހުން ގިނައެވެ.

ބޭރުގެ ކުޅިވަރުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗު ލުއިސް އެންރީކޭ އާއި ހަވާލާދީ ބުނެފައިވެއެވެ. "ސާޖިއޯ ރާމޯސް އާއި ގުޅޭ ގޮތުން ނިންމާ ކޮންމެ ނިންމުމަކީވެސް އޭގައި ސުވާލު އުފެދޭ ކަމެކެވެ. އަދި އަހަރެން މިހުރީ ކޮންތާކުކަން އަހަރެންނަށް އެނގެއެވެ. އަދި އަހަރެން ގަބޫލު ކުރަނީ ތިހަމަ އާދައިގެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޓީމަށް އެކަމުގެ ނުރަނގަޅު އަސަރެއް ނުފޯރާނެ ކަމަށް އުއްމީދު ކުރަމެވެ."

އަދި ކޯޗު ބުނެފައިވާ ގޮތުގައި ރާމޯސް އާއި ޑާނީ ކާވަހަލް ޓީމަށް ނަގާފައި ނުވަނީ އެކުޅުންތެރިންނަށް އަނިޔާވެފައިވާތީ ކަމަށާއި އެހެން ނޫންނަމަ އެކުޅުންތެރިން ޓީމުގައި ހިމަނާނެ ކަމަށެވެ.

ރެއާލް މެޑްރިޑުގެ ގިނަ ސަޕޯޓަރުން އެންމެ ބޮޑަށް ހިތްހަމަނުޖެހިފައިވަނީ ޓީމުގައި މިފަހަރު ރަނގަޅު ކުޅުމެއް ދެއްކި ނާޗޯ ފެރްނާންޑެސްވެސް ޓީމުގައި ހިމެނިފައި ނެތުމާއިއެކު މެންޗެސްޓަރ ސިޓީގައި މާއެދެވޭ ކުޅުމެއް ދެއްކިފައި ނުވާ އެރިކް ގާސިއާ ހިމެނިފައިވުމުންނެވެ. 

Advertisement

ކޮމެންޓް