Advertisement

8500 އަކީ ފްލެޓްގެ މަހު ކުއްޔަށް ބޮޑު އަދަދެއްކަމަށް ރައީސް ވެސް ޤަބޫލުފުޅު ކުރައްވާ: ޑރ. މުއިއްޒު

30 May 2021 | 16:50

މަހު ކުލީގެ ގޮތުގައި ހިޔާ ފްލެޓްތަކަށް -/8500 ރުފިޔާ އަކީ ބޮޑު އަދަދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ޤާބޫލުފުޅު ކުރައްވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙާއި ބައްދަލު ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމުގެ ތަފުސީލު ދެއްވުމަށް، މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރިޔަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ، އެ ބައްދަލުވުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުން ފާހަގަ ކުރެއްވީ ބޯހިޔާ ވަހިކަމުގެ މައްސަލަ، ޚާއްސަކޮށް ހިޔާ ފްލެޓްތަކުގެ މައްސަލައާއި ގުޅޭގޮތުން ކަމަށެވެ.

އަދި މަހު ކުލީގެ ގޮތުގައި މަހަކު -/8500 ދެއްކުމަކީ ރައްޔިތުންނަށް ތަޙައްމަލު ކުރެވޭ ވަރުގެ އަގަކަށް ނުވާނެ ކަމަށާއި ޚާއްސަކޮށް ފިނިޝިންގެ މަސައްކަތް ނިންމައިގެން އެތަންތަނަށް ވަންނަން ޖެހޭއިރު، އަންދާޒާ ކުރެވޭ ގޮތުގައި، 2 ލައްކައެއްހާ ރުފިޔާ ފްލެޓް ލިބޭ މީހާގެ އަތުން ޚަރަދު ވާނެ ކަމަށް ޤަބޫލު ކުރެވޭކަމަށް ރައީސް އަރިހުގައި ދެންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އުންމީދު ކުރަނީ ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް އަގު ކުޑަވެގެން ދާނެ ކަމަށް" މޭޔަރ ޑރ. މުއިއްޒު

މުއިއްޒު ވިދާޅުވީ، ފްލެޓްގެ އަގުން، އެތަނުގެ ފިނިޝިންގެ މަސައްކަތް ނިންމަން ކުރާ ޚަރަދުގެ އެވަރެޖް އަދަދެއް ނަމަވެސް އުނިކުރުމަކީ ވަރަށް ބޮޑު ލުޔަކަށް ވާނެކަމެއްކަމަށްވާތީ އެކަން އެގޮތަށް ހަމަޖެހޭތޯ ރައީސް އަރިހުގައި ދެންނެވި ކަމަށެވެ.

އަދި މަހު ކުލީގެ ގޮތުގައި -/8500 ރުފިޔާ އަކީ ބޮޑު އަދަދެއްކަމަށް ރައީސް ޞާލިޙު ވެސް ޤަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމަށް ލުޔެއް ހޯދުމަށް މާލެ ސިޓީ ކައުންސިލް ހިމެނޭހެން، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރައީސް އޮފީސް ބައިވެރިވާ ބައްދަލުވުންތަކެއް އިންތިޒާމް ކޮށްދެއްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މި ކަމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ރައީސް އޮފީހުގެ ތެރެއިން އެކަމަށް ޚާއްސަ ޓީމަކުން އަގުތައް ދިރާސާ ކޮށް، -/5600 ރުފިޔާއަށް މަހުކުލި ހެދިދާނެކަމަށް ފެނުނު ކަމަށެވެ.

އަދި އެންމެ ކުޑަވެގެން -/6000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެކަމަށް ރައީސް އަރިހުގައި ދެންނެވި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އުންމީދު ކުރަނީ މި ބަދަލު ފެނިގެންދާނެ ކަމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކަކީ ރައީސް ޔާމީންގެ ދައުރުގައި ހިންގެވި ގެދޮރުވެރި ކުރުމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ.


ފޮޓޯ: ރައީސް އޮފީސް

Advertisement

ކޮމެންޓް