ޗައިނާގެ އާއިލާތަކުން ދަރިން ހޯދުމުގެ ސިޔާސަތަށް ބަދަލެއް!

31 May 2021 | 15:43

ޗައިނާގެ އާއިލާތަކުން ހޯދޭނެ ދަރިންގެ އަދަދު ކަނޑައަޅާފައިވާ ރަސްމީ ސިޔާސަތަށް ބަދަލު ގެންނަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން މިހާރު ޗައިނާގެ ކޮންމެ ދެމަފިރިއަކަށްވެސް ގިނަވެގެން ތިން ކުދިން ހޯދޭނެކަމަށް އެގައުމުގެ ރައީސް ޝީ ޖިންޕިންގ ހިމެނިވަޑައިގަންނަވާ ޕޮލިޓިބިއުރޯ ލީޑަރޝިޕް ކޮމެޓީން ވަނީ ނިންމާފައެވެ. މިކަން އެގައުމުގެ ދައުލަތުގެ މީޑިއާ އޭޖެންސީކަމަށްވާ ޝިންހުއާ ނިއުސް އޭޖެންސީންވެސް ވަނީ އިއުލާންކޮށްފައެވެ.

1980ވަނަ އަހަރަށް އެޅިއިރު، ޗައިނާގެ ވަސީލަތްތަކާ އަޅާބަލާއިރު މާގިނައިން އާބާދީ އިތުރުވަމުންދާކަމަށް އެގައުމުގެ ސަރުކާރަށް ހީވުމުން މަޝްހޫރު "ވަން-ޗައިލްޑް ޕޮލިސީ" ނުވަތަ ކޮންމެ ދެމަފިރިއަކަށްވެސް އެންމެ ގިނަވެގެން ހޯދޭނީ އެންމެ ކުއްޖެއްކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅިއެވެ. ނަމަވެސް ބައެއް ދެމަފިރިން މިއަށްވުރެ ގިނައިން ހޯދިއެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިފަދަ ދެމަފިރިންނަށް، އެމީހުން އުޅޭ ސަރަހައްދުތަކުގެ ފަރާތްތަކުން ވަނީ ތަފާތު "އަދަބުތަކެއް" ދީފައެވެ. އެގޮތުން ދަރިފުޅު ވައްޓާލަން އެންގުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާތައް ކުރުން ހިމެނެއެވެ. އަދި އެއް ދަރިއަކު ހޯދުމަށް ހިތްވަރުދިނުމުގެ ގޮތުން ހުރަސް ޕްރޮމޯޓްކުރުމާއި، އެއް ދަރިއަކު ހޯދާ ދެމަފިރިންނަށް ކޮންމެ މަހަކު ވަކި އަދަދަކަށް ފައިސާ ހޯދުމާއި ޚާއްސަ ލިޔުމެއް ދިނުން ފަދަ ކަންތައްތަކެއްވެސް އެގައުމުގެ ސަރުކާރުން ވަނީ ކޮށްފައެވެ. ނަމަވެސް މި ސިޔާސަތުގެ ސަބަބުން އެގައުމުގައި އިޖްތިމާއީ މައްސަލަތަކެއްވެސް އުފެދިގެންދިޔައެވެ. 

މިގޮތުން ޗައިނާގައި ކައިވެނިކުރުމާއި ދަރިން ހޯދުމުގެ އަދަދުތައް ދަށްވެގެންދިޔައިރު، އާބާދީގެ އިތުރުވަމުންދިޔަ މުސްކުޅީންގެ އާބާދީއަށް ސަޕޯޓްކުރަންތިބި މަސައްކަތްތެރީންގެ އަދަދުވެސް ދަށްވެގެންދިޔައެވެ. މީގެ އިތުރުން ޖޫރިމަނާއިން ރެކިގަތުމުގެ ގޮތުން ބައެއް ދެމަފިރިން، ދެވަނަ ދަރިފުޅު އެހެން މީހުންނަށް ދިނުމާއި އަަޅާނުލައި ދޫކޮށްލުން ފަދަ ކަންތައްތައްވެސް ކުރަމުންދިޔަކަމަށް ވަނީ ރިޕޯޓްކުރެވިފައެވެ. އެހެނަސް ބައެއް ދަރިފަސްކޮޅުތަކުގެ މީހުންނަށް މި ސިޔާސަތަށް އަމަލުކުރުމަކީ މަޖުބޫރުނޫން ކަމެއްގެ ގޮތުގައިވެސް އެގައުމުން ހެދިއެވެ.

މި ސިޔާސަތުގެ ސަބަބުން ގިނަ މައްސަލަތަކެއް ފެންމަތިވާން ފެށުމާއެކު، 2016ވަނަ އަހަރުގެ ތެރޭގައި ޗައިނާއިން ވަނީ މި ސިޔާސަތަށް ބަދަލު ގެނެސް ކޮންމެ އާއިލާއަކުންވެސް އެންމެ ގިނައިން ހޯދޭނީ ދެ ކުދިންކަމަށް ނިންމާފައެވެ. ނަމަވެސް މިކަމުގެ ސަބަބުންވެސް އެންމެ އެދެވޭ ބަދަލުތަކެއް އައިސްފައި ނުވާކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް