މެންބަރުންނާ ދިމާކޮށް ނޮޅާއިރުވެސް ސަރުކާރުގެ ފްރަންޓްލައިން އޮތީ އަނގަމަތީ ޓޭޕް އަޅައިގެން: ދިޔާނާ

01 Jun 2021 | 23:10

ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވި މެންބަރާ ދިމާކޮށް ނޮޅާއިރުވެސް ސަރުކާރުގެ ފްރަންޓުލައިން މިއޮންނަނީ އަނގަމަތީ ޓޭޕް އަޅައިގެން ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު އަލްެއުސްތާޛާ ދިޔާނާ ސަޢީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވަނީ އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ނަފުރަތުގެ ޢަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ކަނޑައަޅާ އެކަންކަން ކުރާ މީހުންނަށް ބޮޑެތި އަދަބުތައް ދެވޭގޮތަށް ޤާނޫނުލް ޢުޤޫބާތަށް އިޞްލާޙު ހުށަހަޅައިފައިވާތީ ކުރެއްވި ޓުވީޓެއްގައެވެ.

މިބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންއެވެ. ޙިސާން ހުށަހެޅުއްވި މިބިލުގައިވާ ގޮތުން ޢާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގެ މީހަކާމެދު ނަފުރަތު އުފެއްދުމާއި، އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމުގައި ވަނީ ހިމަނާފައެވެ.

މިކަމުގެ ސަބަބުން މަޖިލީހުގެ ގިނަ މެންބަރުންނަށް އަމާޒުކޮށް ގިނަބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ ދިޔާނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވި މެންބަރާއި ދިމާކޮށް ނޮޅާއިރުވެސް ސަރުކާރުގެ ފްރަންޓުލައިން އޮންނަނީ އަނގަމަތީގައި ޓޭޕު އަޅައިގެން ކަމަށެވެ.

Advertisement

ކޮމެންޓް