ޖޭއެސްސީގެ ރައީސާގެ ހައިސިއްޔަތުން ހިސާނަށް ކާރަކާއި ޑްރައިވަރެއް ހަމަޖައްސައިދިނުމަށް އެދިއްޖެ

01 Jun 2021 | 23:13

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސާގެ މަގާމުގައި މިވަގުތު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ ހިސާން ޙުސައިނަށް ކާރުކޮޅަކާއި ޑްރައިވަރެއް ހަމަޖައްސައިދިނުމަށް އެދިއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ދިޔަރެސް"އަށް މަޢުލޫމާތު ދެއްވަމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝަހީމް ވިދާޅުވީ ދައުލަތުގެ ޚަރަދުގައި ހިސާނަށް ކާރަކާއި ޑްރައިވަރެއް ހަމަޖައްސައިދިނުމަށް އެދިފައިވަނީ އެއީ މިނިވަން މުއައްސަސާއެއްގެ ރައީސަކަށްވުމުން އެ ހައިސިއްޔަތުންކަމަށެވެ. އެހެނިހެން މިނިވަން މުއައްސަސާތަކުގެ ރައީސުންނަށްވެސް މި އުސޫލުން ކާރަކާއި ޑްރައިވަރެއް ހަމަޖައްސައެވެ.

އިޒްމީރާ ފާހަގަކުރެއްވި ގޮތުގައި ޖޭއެސްސީގެ ރައީސާކަމާ ހިސާން ހަވާލުވެ ވަޑައިގެންނެވިއިރު އެކަމަނާ ހުންނެވީ ދައުލަތުގެ ފަރާތުން އަމިއްލަ ކާރަކާއި ޑްރައިވަރެއް ހަމަޖައްސައިދޭން ޖެހޭނެފަދަ މަޤާމެއްގައެއް ނޫނެވެ. އެހެންކަމުން އެކަން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާނެކަމަށާއި، އެކަމުގެ އިދާރީ މަސައްކަތްތައް ކުރެވެމުން އަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އިދާރީގޮތުން ހުރި ބައެއް ދަތިތަކާއި އެއީ ބަޖެޓްކުރެވިފައި ކަމަށް ނުވާތީ މިހާތަނަށް އެކަން ކުރެވިފައި ނުވާކަމަށް އިޒްމީރާ ވިދާޅުވިއެވެ.

މީގެކުރިން ޖޭއެސްސީގެ ރައީސުންގެ ގޮތުގައި ތިބީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަމުން، އެފަރާތްތަކަށް ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން ވަކިން ކާރަކާއި ޑްރައިވަރެއް ހަަމަޖައްސަން ޖެހިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް

Advertisement