Advertisement

ސަރުކާރުގެ ފަރާތުން ޤާނޫނުލްޢުޤޫބާތަށް ހުށައަޅާފައިވާ އިޞްލާޙުތަކާ މެދު ސަލަފްގެ ކަންބޮޑުވުންތަކެއް!

06 Jun 2021 | 16:27

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ ހިސާން ޙޫސައިން ޤާނޫނުލް ޢުޤޫބާތަށް ހުށައަޅާފައިވާ އިޞްލާޙުތަކާއި މެދު މަޝްހޫރު ދީނީ ޖަމުޢިއްޔާއެއްކަމަށްވާ ޖަމުޢިއްޔަތުއްސަލަފްއިންވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަލަފް ޖަމުޢިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިޞްލާޙާއި މެދު ޖަމުޢިއްޔަތުއްސަލަފުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި 30 އަށްވުރެ ގިނަ ޢިލްމުވެރީންނާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

މި ބައްދަލުވުމުގައި "ސަރުކާރުން ހުށައަޅުއްވާފައިވާ ބިލުގެ ނުރައްކާތެރިކަމާއި، ދީނީ ނަޞޭޙަތްދިނުމުގެ މައިދާނަށް އޭގެ ސަބަބުން އެޅިގެންދާނެ ހުރަސްތަކާމެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވި، ކަންބޮޑުވުންތައް ވަނީ ހިއްސާކުރެވިފައެވެ. އަދި މި ބިލު ހުށައެޅުމުގައި "އިސްލާމަކަށް ކާފަރު" ކިޔުން މަނާކުރާ ބިލުގެ ނަމުގައި ބިލު އިޝްތިހާރުކުރެވިގެން ގޮސްފައިވުމުގައި އާންމު ރައްޔިތުންނަށް ބިލުގެ އަޞްލު މަޤްޞަދާއި ޙަޤީޤަތް އޮޅޭނޭފަދައިން އޮތުންވެސް ކަންބޮޑުވުމެއްގެ ގޮތުގައި ޢިލްމުވެރީން ވަނީ ފާހަގަކުރައްވާފައެވެއެވެ. އަދި މި ބިލުގެ ސަބަބުން، ޤާނޫނު އަސާސީގެ 27 ވަނަ މާދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް ހުރަސް އެޅޭނޭ ކަމުގައިވެސް، ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ފާހަގަ ކުރިއެވެ.

ޖަލްސާ ނިމިގެން ދިޔައީ އެކިއެކި ފަރާތްތަކުން، އެފަރާތަކަށް ކުރެއްވޭ އެންމެ ފުޅާ ދާއިރާއެއްގައި އެބިލުގެ ނުރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، އާންމުންނަށް ޙަޤީޤަތް ސާފުކޮށްދިނުމާއި، އަދި އެބިލު އެ އޮތްގޮތަށް ފާސް ނުކުރުމަށް އެންމެހާ ދާއިރާއެއްގެ މަޖްލީހުގެ މެންބަރުންނަށް އިލްތިމާސްކޮށް، މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަށްޗަށެވެ. އަދި މީގެ އިތުރުން، ކުރެވެންހުރި އެހެނިހެން ކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޢިލްމުވެރީންގެ ކަންބޮޑުވުން ފޯރުކޮށްދިނުމުގެ ގޮތްތަކާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހެޅުއްވި ބިލުގައިވާ ނަފުރަތުގެ ޢަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން، އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަޤީދާއާ ގުޅުވައި މުޖުތަމަޢުގެ މީހަކާމެދު ނަފުރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފައެވެ. ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ ޢަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އަދި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ޤައުމަށް ނުވަތަ ކުލަޔަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ އަނިޔާއެއް ދޭން އުޅުމާއި އެފަދަ ޢަމަލަކަށް ހިތްވަރު ދިނުން ވެސް ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފައެވެ.

ޤާނޫނުލްޢުޤޫބާތުގައި ވާގޮތުން ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އެންމެބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ޙުކުމެކެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ޙުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ.

މި ބިލާއި މެދު އާންމުންގެ ތެރެއިން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ މުޖުތަމައުގެ މެދުގައި ނުތަނަވަސްކަމެއް އުފެދިގެން ދިއުމަށް މަގުފަހިވެދާނެފަދަ ބިލެއްކަމަށް ބުނަމުންނެވެ.

Advertisement

ކޮމެންޓް

Advertisement