މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ލިބުނު މޮޅެއް: ރައީސް ވަޙީދު

08 Jun 2021 | 11:59

އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތު ދިވެހިރާއްޖެއިން ކާމިޔާބުކުރުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ލިބުނު މޮޅެއްގެ ގޮތުގައި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ސިފަކުރައްވައިފިއެވެ.

އާންމު މަޖިލީހުގެ ރިޔާސަތުގެ ގޮނޑި ދިވެހިރާއްޖެއިން ކާމިޔާބުކުރުމާއި ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގައި ޑރ.ވަޙީދު ވިދާޅުވީ ރިޔާސަތަށް އިންތިޚާބުވި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދަށް ހިތުގެ ފުންމިނުން މަރުޙަބާ ދަންނަވާ ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ޑިޕްލޮމެސީއަށް ލިބުނު އިތުރު ކާމިޔާބީއެއްކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މި ޚާރިޖީ ސިޔާސަތުގެ މޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ދިވެހި ޚާރިޖިއްޔާއަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި ކާމިޔާބީން އދ.ގެ ހުރިހާ މެންބަރު ޤައުމުތަކަށް ބޮޑެތި ކާމިޔާބީތަކެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އދ.ގެ މެންބަރު ޤައުމުތަކުގެ މެދުގައި އިއްޔެ ނެގުނު ސިއްރު ވޯޓު ކާމިޔާބުކޮށް ދިވެހިރާއްޖެއިން މި މަޤާމު ކާމިޔާބުކޮށްފައިވަނީ ޖުމުލަ 143 ވޯޓާއެކުގައެވެ. މި މަޤާމަށް ދިވެހިރާއްޖެއާއި ވާދަކޮށްފައިވަނީ އަފްޣާނިސްތާނެވެ. އެޤައުމުގެ ކެންޑިޑޭޓުކަމަށްވާ، އެޤައުމުގެ ފަރާތުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަ ސަފީރު އަދި ކުރީގެ ފޮރިން މިނިސްޓަރ ޑރ.ޒަލްމާއީ ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

މިއީ މި މަޤާމަށް އޭޝިއާ ޕެސިފިކްގެ ޤައުމުތަކަށް ކުރިމަތިލާން ލިބުނު ފުރުޞަތެވެ.

މި މަޤާމަށް ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓަކީ މިހާރުގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. މިއީ ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ އދ.ގެ މިފަދަ އިސް މަޤާމަކަށް ދިވެއްސަކު އިންތިޚާބުކުރެވުނު ފުރަތަމަ ފަހަރުވެސްމެއެވެ.

Advertisement

ކޮމެންޓް