ކޮލަމްބޯގައި ބޮޑެތި މުޒާހަރާތަކެއް ބާއްވާތީ ދިވެހިން ސަމާލުވާން އަންގައިފި

04 Sep 2018 | 10:19

ސްރީލަންކާގެ ކޮލަމްބޯގައި ބޮޑެތި މުޒާހަރާތަކެއް ކުރަން އެގައުމުގެ އިދިކޮޅު ފަރާތްތަކުން ރާވަމުން ގެންދާތީ ލަންކާގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން އިލްތިމާސް ކޮށްފިއެވެ.

ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކޮލަމްބޯގައި ކުރުމަށް ހަމަޖެހިފައިވާ މުޒާހަރާތަކުގައި އިސްކޮށް ހުންނަވާނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އެވެ. ޖޮއިންޓް އޮޕޮސިޝަން ގުޅިގެން ކުރާ މުޒާހަރާ އަށް ލަންކާގެ އެކި ސަރަހައްދުތަކުން ކޮލަމްބޯ އަށް މީހުން ޖަމާކުރުމަށް ވަނީ ނިންމާފައެވެ. މިމުޒާހަރާގެ ބޭނުމަކީ ޕްރިވިންސް ކައުންސިލް އިންތިޚާބު އަވަސް ކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމެވެ.

އެ މުޒާހަރާތަކާ ގުޅިގެން، ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ސެޕްޓެމްބަރ މަހުގެ 05، 06 އަދި 07 ވަނަ ދުވަހު ކޮޅުނބުގެ ބައެއް ހިސާބުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރުމަށް އިއުލާން ކުރެވިފައި ވާކަމަށެވެ. އެހެންކަމުން އެދުވަސްތަކުގައި ދިވެހިން ނިކުމެ އުޅޭއިރުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ، ޒަރޫރީ ބޭނުންތަކަށް މެނުވީ ބައިބޯވާ ތަންތަނަށް އެއްވެ ނުހެދުމަށާއި، އަދި މިދުވަސްތަކުގައި ޓްރެފިކަށް ވަރަށް ބޮޑަށް ބުރޫއެރުން އެކަށީގެންވާތީ ތަންތަނަށް ދިއުމުގައި ދުރާލާ ތައްޔާރުވުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

"ކޮންސިއުލާގެ އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، އެމްބަސީގެ ހޮޓްލައިން 076809660 ނަމްބަރާ ގުޅުއްވުން އެދެމެވެ،" އެމްބަސީގެ ބަޔާނުގައި ވެއެވެ.

ކޮލަމްބޯ އަކީ އެކިއެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ސިޓީ އެކެވެ.

Advertisement

ކޮމެންޓް

Advertisement