241 ކޮމެޓީއަށް ސަރުކާރުން ޙަޤީޤަތުގައި އެއްބާރުލުން ނުދޭކަމުގެ އިޝާރާތެއް؟

09 Jun 2021 | 15:36

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމެޓީ)ން ހިންގަމުންދާ އިންކުއަރީއަށް ސަރުކާރުން ޙަޤީޤަތުގައި އެއްބާރުލުން ނުދޭކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ކުރައްވައިފިއެވެ.

އިއްޔެ ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެ ކޮމެޓީއަށް ސަރުކާރުގެ މުއައްސަސާތަކުން އެއްބާރުލުންދޭކަމަށް، އެ ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.

މިކަން ފާހަގަކޮށް ރައީސް އޮފީހުގެ ފޮރިން ސެކްރެޓަރީ ސަބްރާ ނޫރައްދީން ކުރެއްވި ޓްވީޓަކަށް، މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ވަނީ ސަރުކާރުން ޙަޤީޤަތުގައި އެއްބާރުލުން ނުދޭކަމަށް ހީވާފަދަ މޭރުމަކުން ޓްވީޓްކުރައްވާފައެވެ.

މެންބަރު މުޢިއްޒު ވިދާޅުވީ އަސްލަމް އެގޮތަށް ވިދާޅުވެފައިވުމަކީ އެބޭފުޅާގެ އަމިއްލަ ޚިޔާލުކަމަށާއި، އެ ކޮމެޓީގެ ނިންމުމެއް ނޫންކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ވަކިވަކި ސިފައިން 241 ކޮމެޓީގެ އިންކުއަރީއަށް ހާޒިރުނުވާނެކަމަށް އެމްއެންޑީއެފްއިން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް އިއްޔެއިން ފެށިގެން ވަކިވަކި ސިފައިން ދަނީ އެ ކޮމެޓީއަށް ހާޒިރުވަމުންނެވެ.

Advertisement

ކޮމެންޓް

Advertisement