Advertisement

ކޯލިޝަންގެ ތެރެއިން ރައީސް ނަޝީދު "އެއްފަރާތްކޮށްލަނީ"؟

11 Jun 2021 | 00:29

"އުކުޅަހު ބަޣާވާތް" މިއީ މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުން ވަރަށް ބޮޑަށް އިވޭ ބަހެކެވެ. މިހެން ބުނެ އުޅެނީ 2018ވަނަ އަހަރުގެ ތެރޭގައި އެމްޑީޕީގެ ފަރާތުން އއ.އުކުޅަހުގައި ބޭއްވި ޚާއްސަ ކޮންގްރެސްއަށް ރިޢާޔަތްކޮށެވެ. އެމްޑީޕީގެ ތެރޭގައި ތިބި ބައެއް އިސް މެންބަރުން އަދި އެކްޓިވިސްޓުން ސިފަކުރާ ގޮތުގައި އެ ކޮންގްރެސްގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދެވިފައިވަނީ މަޖުބޫރުން އަދި އޮޅުވާލެވުމެއްގެ ތެރެއިންނެވެ. އެ ޕާޓީގެ އެންމެ ގިނަބައެއްގެ ތާއިދުއޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކެއްސެއް ދީގެންނެވެ. ނަމަވެސް މިކަމުގެ ހެއްކެއް އަދި މިހާތަނަށް ފެނިފައި ނުވާއިރު، ޚުދު ރައީސް ނަޝީދުވެސް ދުވަހަކުވެސް ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ދެވުނީ އެމަނިކުފާނުގެ ހިތުގެ ރުހުމާއި ދެކޮޅަށްކަމެއް ވިދާޅުވެފައެއް ނެތެވެ.

ދިވެހި ސިޔާސީ މަޝްރަހަކީ ވަރަށްވެސް އާދަޔާ ޚިލާފް ތަނެކެވެ. އިހުގެ ހަތުރުން މިތުރުންނަށް ވާފަދައިން، އިހުގެ މިތުރުން އަދުގެ ހަތުރުންނަށްވެސް ވެދެއެވެ. އެކަމުގެ ކިތަންމެ މިސާލެއް ފާއިތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ފެނިފައި އެބަހުއްޓެވެ. އެފަދަ މަންޒަރެއް މިއަދުވެސް ދަނީ ވަރަށް ސާފުކޮށް ފެންނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ފެނިގެންދިޔައީ ސަރުކާރުގެ ބައެއް ކަންކަމާއި ރައީސް ނަޝީދުވެސް އަދި މަޖިލީހުންވެސް މަޑުމަޑުން ދެކޮޅުވެރިވާން ފެއްޓިތަނެވެ. ރައީސް ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގެ އަތުގައި އޮތަސް، ސަރުކާރު ޒިންމާދާރުކުރުވާނީވެސް ހަމަ އެ މަޖިލީހުން ކަމަށެވެ. އެއްވެސް ހާލަތެއްގައި މަޖިލިސް 19 އަކީ "ރަބަރ ސްޓޭމްޕް" މަޖިލީހަކަށް ވެގެން ނުދާނެކަމަށެވެ. އެފަދައިން ހީވާފަދަ ކަންތައްތަކެއްވެސް ދިޔައީ ވަމުންނެވެ. އެހެނަސް ބޮޑު މަންޒަރަށް ބަލާލުމުން ފެނިގެންދިޔައީ މުޅީން އެހެން ކަމެކެވެ. އެމްޑީޕީ އަދި ސަރުކާރުގެ ތެރެއިން، ދެ ރައީސުންގެ "ފެކްޝަންތަކެއް" އުފެދެން ފެށި މަންޒަރެވެ.

މި ފެކްޝަންތަކުގެ ކޯޅުންތައް އެކި ސިފަތަކުގައި ފެންނަމުން ގޮސް، މިއަދު އެކަން މިވަނީ ވަރަށް ސާފުކޮށް ފެންނަން ފަށާފައެވެ. "ކޯޅެމުންދިޔަ ބުޅާތައް ގޯނިން ބޭރުވެ"، އެންމެންނަށް ފާޅުގައި އެނގެން ފަށާފައެވެ.

މެއިމަހުގެ 6ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ބިރުވެރި ޓެރަރިސްޓް ހަމަލާގެ ކުރިން އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އަންގަވާފައެވެ. ނަމަވެސް ރައީސް ޞާލިހު މީގެ ކުރިން ވަނީ ނިޒާމް ބަދަލުކުރައްވަން ބޭނުންފުޅު ނުވާކަމުގެ އިޝާރާތްތަކެއްވެސް ކުރައްވާފައެވެ. އެއް ޒަމާނެއްގެ އެންމެ ގާތް ދެ މިތުރުންގެ މެދުގައި މިހާވަރަށް ކަންތައްތައް ގޯސްވެފައިވާއިރު، ރައީސް ނަޝީދަށް ދެވުނު ހަމަލާގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާއި އެކު އެ ދެމެދުގައިވާ ހޫނުކަން ވަނީ އިތުރަށް ގަދަވެފައެވެ.

އެމްޑީޕީގެ ތެރޭގައިވާ ރައީސް ނަޝީދުގެ ސަޕޯޓަރުން އެންމެ ބޮޑަށް ދައްކަމުންދާ ވާހަކައަކީ މި ހަމަލާގެ ތަހުގީގުގައި ސަރުކާރުގެ ލަސްކަމާއި ދޯދިޔާކަމުގެ ވާހަކައެވެ. އެގޮތުން ތަހުގީގުގައި އެކަށީގެންވާ ކުރިއެރުމެއް ހޯދިފައިނުވުމުގެ އިތުރުން، އެ ހަމަލާގެ ކަންތައްތައް ސަރުކާރުން އެހާ ސީރިއަސްކޮށް ނުނަގާކަމަށެވެ. އޭގެ ބަދަލުގައި ކަމުގެ ނެރޭޓިވް ބަދަލުކޮށް، މިކަން ހިނގައިދިއުމުގައި ސަރުކާރުގެ އިހުމާލު އޮތްކަން ފޮރުވުމަށް މަސައްކަތްކުރާކަމުގެ ތުހުމަތުގެ އިނގިލިތައްވެސް ދަނީ އެމަނިކުފާނުގެ ސަޕޯޓަރުން ދިއްކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ "ވިކްޓިމް ބްލޭމިންގ"އަށްވާނެ ފަދަ އުސޫލަކުން، ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާނެ ގޮަތަކަށް މީޑިޔާއަށް "ސިއްރު މަސްދަރަކުން" އާންމުކުރި މަޢުލޫމާތުތަކެވެ. އަދި މި ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ހިންގަމުންދާ ތަހުގީގަށް ވަކި ވަކި ސިފައިން ހާޒިރުނުވާނެކަމަށް އެމްއެންޑީއެފްއިން ފުރަތަމަ ނިންމި ނިންމުމެވެ. ނަމަވެސް އިއްޔެ އެކަން ބަދަލުކޮށްލިހެން ހީވެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމްއެންޑީއެފްގެ ވަކިވަކި ސިފައިން އެ ކޮމެޓީއަށް ހާޒިރުނުވާނެކަމަށް ނިންމި ނިންމުމަކީ ސީދާ ސަރުކާރުގެ ތެރެއިން މަޖިލީހުގެ އިންކުއަރީއަށް ހުރަސް އެޅުމެވެ. އަދި މިކަމުގެ ފަހަތުގައި ހުންނެވީ ސީދާ ރައީސުލްޖުމްހޫރިއްޔާކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ސަރުކާރުން އިންކުއަރީއަށް ހުރަސް ނާޅާކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ އިންކުއަރީއަށް ރައީސް ޞާލިހު އަޑީގައި ހުންނަވައިގެން ހުރަސްއަޅުއްވާކަމަށް ރައީސް ނަޝީދުގެ ކޭމްޕުން ކުރާ ތުހުމަތަށް، އިއްޔެގެ ވަގުތެއްގައި ރައީސްވެސް ވަނީ އިންކާރުކުރައްވާފައެވެ.

އެހެނަސް ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކުން ސަރުކާރުގެ ބަހާއި މެދުގައި ކުޑަނަމަވެސް މިންވަރެއްގެ ސުވާލުތަކެއް އެބަހުއްޓެވެ. ރައީސް ނަޝީދުގެ "އަލްޓަރނޭޓިވް އީގޯ" ކަމަށް ބުނެވޭ އެލެކްސް އަހުމަދުވެސް ބުނަނީ ނެރޭޓިވް ކޮންޓްރޯލްކުރުމަށް ނޫޅުމަށެވެ. އެއީ ހަމަ ވެދާނެކަމެއްތޯ ސުވާލު އުފެދެއެވެ. ސަރުކާރުން ނެރޭޓިވް ކޮންޓްރޯލްކޮށް، ރައީސް ނަޝީދު "އެއްކައިރިކޮށްލުން" އެއީ ވެދާނެކަމެއް ހެއްޔެވެ؟

ފޮޓޯ: ދަޕްރެސް

Advertisement

ކޮމެންޓް