Advertisement

މުސްތަޤުބަލުގެ ކުރިއެރުން އޮތީ ސްމާޓް ސިޓީތައް ތަރައްޤީކޮށްގެން!

10 Jun 2021 | 21:21

ޒަމާނީ ތަރައްޤީގެ ވަޞީލަތްތަކަށް މުޅި ދުނިޔެ ފައްކާވަމުންދާއިރު، އެކަމުގައި ފަހަތަށް ޖެހެވޭކަށެއް ދިވެހިންނަކަށް ނެތެވެ. އަދުގެ ދުނިޔޭގައި ފައިހަމަކުރަން ބޭނުންވާނަމަ، ހެޔޮ ޒަމާނީ ވަޞީލަތްތަކާއި ގޮތްތައް ދިވެހިންގެ ތެރޭގައި ބޭނުންކުރަން މިވަނީ ޖެހިފައެވެ. އެއީ ކޮންމެ ދާއިރާއެއްގައި ވީނަމަވެސް އެވެ.

މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ވަޞީލަތަކީ އިންޓަރނެޓެވެ. އަގުހެޔޮ އަދި ރަނގަޅު ސްޕީޑެއްގެ އިންޓަރނެޓަކީ ޒަމާނީ ތަރައްޤީގެ އެންމެ މުހިންމު އެއް ބަހާއެވެ. ބަވަނަވަމުންދާ މި ދުނިޔޭގައި އިންޓަރނެޓް ފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ ޒަމާނީ ފެންވަރުގެ "ސްމާޓް ސިޓީ"ތައް ތަރައްޤީކޮށް، ހިންގާ އަދި ބެލެހެއްޓުމަށެވެ.

ސްމާޓް ސިޓީއެއްގެ ވިސްނުން ހާސިލުކުރުމަށް އެންމެ މުހިންމު އެއްކަމަކީ ފެންވަރުގެ ގޮތުން ރަނގަޅު އަދި އަގުހެޔޮ އިންޓަރނެޓްގެ ޚިދުމަތްތައް ލިބުމެވެ. ސްމާޓް ސިޓީއެއްގެ ތެރެއިން މިކަމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އެގޮތުން އެ ސިޓީގެ މުނިސިޕަލް ނެޓްވޯކް މެދުވެރިކޮށް ހެޔޮއަގެއްގައި އެކި ފަންތީގެ އިންޓަރނެޓް ފޯރުކޮށްދޭ ފަރާތްތަކަށް ކަސްޓަމަރުންނަށް ޚިދުމަތްތައް ދެވޭނެއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައިވެސް މުނިސިޕަލް ނެޓްވޯކެއް ޤާއިމު ކުރަމުންދަނީ ހަމަ މި އުންމީދާއި އެކުގައެވެ.

މިފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން އާބާދީގެ ބޮޑު ބަޔަކަށް ހެޔޮ އަގުގައި އިންޓަރނެޓްގެ ޚިދުމަތް ލިބޭނެއެވެ. ސްމާޓް ސިޓީއަކާއި ދިމާލަށް ކުރާ ދަތުރަށް އިތުރު ކުރިއެރުމެއް ލިބޭނެއެވެ.

ޒަމާނީ މުޖުތަމަޢުތަކުގައި އާމްދަނީ ހޯދުމަށް އޮފީސްތަކުގެ ޑެސްކް ވަޒީފާ އަދާކުރުމަކީ ކޮންމެހެން މަޖުބޫރުކަމެއް ނޫނެވެ. ފްރީލާންސް މަސައްކަތްތައްކޮށްގެން އާމްދަނީ ހޯދުމަކީ ރާއްޖޭގައިވެސް މަޑުމަޑުން ކުރިއަރަމުންދާ ކަމަކަށްވާއިރު، ސްމާޓް ސިޓީތަކުގެ ތެރެއިން މިފަދަ ފަރާތްތަކަށް ހެޔޮއަގުގައި ހަމަޖެހިލައިގެން މަސައްކަތްކޮށްލެވޭނެ ކޯ-ވޯކިންގ ޖާގަތައް ތަރައްޤީކުރެވޭނެއެވެ. މިފަދަ ޖާގަތަކާއި ފަހި އިންޓަރނެޓް ކަނެކްޝަންތަކުގެ ޒަރިއްޔާއިން ސްމާޓް ސިޓީއެއްގެ ތެރެއިން އެތަކެއް އާ ވަޒީފާތަކާއި ވިޔަފާރިތަކެއް އުފެއްދިދާނެއެވެ. އެ ސިޓީގެ އާންމު ހާލަތު އިތުރަށް ރަނގަޅުކޮށް އިޤުތިޞާދީ ކުރިއެރުންތަކެއް ހާސިލުކުރެވިދާނެއެވެ.

ސްމާޓް ސިޓީއެއްގެ އަމާޒަށް ވާސިލުވުމަށް އެ ސިޓީގެ އެތެރެއިން އެކި ޚިދުމަތްތައް ހޯދޭނެ ގޮތްތައްވެސް ބަދަލުކުރުން ވަރަށް މުހިންމެވެ. އެ ސިޓީގެ ހިންގުމުގެ ނިޒާމުން ރައްޔިތުން ބޭނުންވާނެފަދަ ހުރިހާ ކަންތައްތަކެއް، އޮންލައިން ވެބްސައިޓް އަދި ޕޯޓަލްތަކުގެ ޒަރިއްޔާއިން ކުރުމަކީ އަދުގެ ދުނިޔޭގައި ހަލުވި މިނެއްގައި ކުރަމުންދާ ކަމެކެވެ. ޑިޖިޓަލް އައިޑީތައް މިއަދުވެފައިވަނީ ވަރަށްވެސް އަގުހުރި ރައުސުލްމާލަކަށެވެ. އެކަން ދަނެ، އެޗްޑީސީން ވަނީ ހުޅުމާލޭގެ ރައްޔިތުން ބޭނުންވާނެފަދަ އެކި ޚިދުމަތްތަކަށް އެދުމަށް ޚާއްޞަ ވެބްސައިޓެއް އެކުލަވާލާފައެވެ. ހުޅުމާލެއަކީ ޒަމާނީ ސްމާޓް ސިޓީއަކަށް ހެދުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މީގެ އިތުރުންވެސް ހެޔޮ އިންޓަރނެޓާއެކު މުސްތަޤުބަލުގެ ޒަމާނީ ސްމާޓް ސިޓީތައް ފެންނަނީ ވަރަށް ފަހިކޮށެވެ. ޕާކިންގ މީޓަރުތަކާއި ކާރުތަކަށް މުއާމަލާތްކުރެވޭނެއެވެ. އިންޓަރނެޓްގެ އެހީގައި އިލެކްޓްރިކް ކާރުތަކަށް، އެންމެ ކައިރީގައިވާ ޗާޖިންގ ސްޓޭޝަން ހޯދޭނެއެވެ. އޮޓޮމެޓިކް މަގު ބައްތިތަކަށް ހާލަތަށް ބަލަައި އަލި ބަދަލުކޮށްލެވި، ރިމޯޓް ސެންސަރުތަކަށް ނަންބަރު ޕްލޭޓްތައް ނިކަން ފަސޭހައިން ސްކޭން ކޮށްލެވޭނެއެވެ. މިއީ ހައްތަހާވެސް ސްމާޓް ސިޓީއެއްގައި ފަހި އިންޓަރނެޓާއި އެކު ކުރެވޭނެ ކަންތައްތަކެވެ.

ސްމާޓް ސިޓީގެ ޚިޔާލުގެ ތެރެއިން ހިމެނޭ ބައެއް ކަންތައްތަކަކީ މާ ކުރިން ފެށިގެންވެސް ކުރަންވެފައި ހުރި ކަންތައްތަކެވެ. އަދި ބައެއް ކަންތައްތަކަކީ ދުވަސްކޮޅެއްފަހުން ދުނިޔެއިން ފެނިދާނެ ކަންތައްތަކެވެ. ނަމަވެސް މިފަދަ ކޮންމެ ކަމެއްވެސް ދިވެހިންނަށް ހާޒިރު ކުރެވިދާނެއެވެ. އެޗްޑީސީގެ ސްމާޓް ސިޓީ ޕްްރޮޖެކްޓްވެސް ކުރިއަށްދަނީ ހަމަ އެ އުންމީދުގައެވެ. ސްމާޓް ސިޓީއަކީ މުސްތަޤުބަލުގެ ކުރިއެރުންކަން ފުރިހަމައަށް އެނގިހުރެއެވެ.

Advertisement

ކޮމެންޓް