Advertisement

ވަރުބަލިވެއްޖެ، އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ: މަޚްލޫފް

11 Jun 2021 | 08:07

ފެށުނީއްސުރެވެސް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ މައްސަލާގައި މިނިސްޓަރ މަޚްލޫފާއިމެދު ޢަމަލު ކުރަމުން އަންނަނީ ޒާތީކޮށް ކަމުގައި އާއި މިހާރު ވަރުބަލިވެއްޖެ ކަމަށާއި އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭ މައްސަލައެއްގައި ދަޢުވާ ކޮށްދިނުން އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދެންނެވުމާއި ގުޅިގެން މަސްއޫލިއްޔަތު އެކަހެރި ކުރައްވާފައިވަނިކޮށް މަޚްލޫފް މިފަދައިން ވިދާޅުވީ، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަޚްލޫފް ވިދާޅުވީ، ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީ މައްސަލައިގައި މަޚްލޫފާއިމެދު ޢަމަލު ކުރަމުން އަންނަނީ ޒާތީކޮށް ކަމަށާއި، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން، އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަޤާމުން ވަކިކުރުން ކަމަށް މަޚްލޫފް ވިދާޅުވެފައިވެއެވެ.

މަޚްލޫފް ވިދާޅުވީ، އެމީހުންނަށް ނުވިސްނެނީ މަޚްލޫފް އުޅުއްވަނީ މަޤާމުގައި ބަގުޑިބައްދައިގެން ހުންނަން ނޫންކަން ކަމަށެވެ. އަދި ކުރި ތުހުމަތުވެސް ގޯސް ކަމަށާއި، ތުހުމަތު ކުރީ އެސްއީޒެޑް ބިލަށް ވޯޓު ދީގެންނަމަވެސް އޭރު އެބޭފުޅާއަކީ މަޖިލިސް މެންބަރެއް ކަމަށާއި ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް ކަމަށެވެ.

‏މަޚްލޫފްގެ ފޭސްބުކް ޕޯޓްގައި އިތުރަށް ވިދާޅުވީ، އެންޓިކޮރަޕްޝަން ކޮމިޝަނަށް ދަޢުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް މިމައްސަލައިގަ ލިބިގެން ނުވާ ކަމަށާއި އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ޤަރާރުން އަދި ރިޔާސީ ކޮމިޝަންގެ ޤާނޫނުންވެސް ސާފު ކަމަށެވެ. އަދި މީގެކުރިން ދަޢުވާ އުފުލި އެންމެންގެ މައްސަލަތައް ވެސް ފޮނުވީ ކޮމިޝަނުން ކަމަށް ވިދާޅުވެފައިވެއެވެ.

ހެކިކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެތި އަދި ބަޔާނަކީ ކަނޑައެޅިގެން ދިވެހިރާއްޖެއާއި އަދި ލަންކާގެ ޤާނޫނާ ޚިލާފަށް ހޯދާ އަދި ނަގާފައިވާ، ކޯޓަށް ބަލައިވެސް ނުގަންނާނެ ހެކިތަކެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މަޚްލޫފް ވިދާޅުވީ އޭނާގެ މައްސަލަ ވެސް ހަމަ ބަލަންވީ ކަމަށާއި އެކަމަކު އެކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް ކަމަށެވެ. ސިޔާސީ ނުފޫޒުން ބައެއް ނަންތަށް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުން ވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ މަޚްލޫފްގެ ނަން އެކަނިތޯ ވެސް ވަނީ ސުވާލު ކުރައްވާފައެވެ.

މަޤާމުގައި ދެމިހުރުމާމެދު މަޚްލޫފް ވިދާޅުވީ، ޤާނޫނާއި ގަވާއިދުގެ ތެރެއިން އަދި ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް މަޚްލޫފާއިމެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން ދެންނެވިހެން އެއްމެދުވަހަކު ވެސް މިނިސްޓަރު ކަމުގެ މަޤާމުގައި ދެމިނުހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ކަންބަޅިއެއްހެން ހަމައެކަނި މިނިސްޓަރ މަޚްލޫފް ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީ ގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށާއި، ވަރުބަލިވެއްޖެ ކަމަށާއި އަބަދު އަނގަ ބަންދުކޮށްގެން ނުހުންނާނެ ކަމަށް މަޚްލޫފް ވިދާޅުވެފައިވެއެވެ. 

Advertisement

ކޮމެންޓް