ރާއްޖޭގައި ބާނާ ކަނޑުމަހާއި މެދު އިނގިރޭސިވިލާތުން ޢަމަލުކުރަމުންދާ ގޮތާއި މެދު ޑރ.ފަރަހަނާޒްގެ ބޮޑު ކަންބޮޑުވުންތަކެއް!

13 Jun 2021 | 21:12

ދިވެހިރާއްޖޭގައި ބާނާ ކަނޑުމަހުން އިނގިރޭސިވިލާތުން ބޮޑު ޓެރިފެއް ނަގަމުންދާ މައްސަލައިގައި އެޤައުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސީފުޑް ވިޔަފާރީގެ ޚަބަރާއި މަޢުލޫމާތު ގެނެސްދޭ "ސީފުޑް ސޯސް"އަށް ދެއްވި އިންޓަރވިއުއެއްގައި ޑރ.ފަރަހަނާޒް ވިދާޅުވީ "ވަން ބައި ވަން"ގެ އުސޫލުން ދޮށީގެ މަސްވެރިކަން ކުރުމަކީ 2000 އަހަރުވަންދެން ދިވެހިން ކޮށްފައިވާ ކަމެއް ކަަމަށާއި، އެއީ ފައިދާނެތް ކަމަށްބުނެ އެހެން ގޮތަކަށް ދިވެހިން މަސްވެރިކަން ކުރަންވެއްޖެނަމަ އެއީ ދެރަކަމެއް ކަމަށެވެ. އެގޮތުން އެއީ އާދަކާދައިގެ ބައެއް ގެއްލުންފަދަ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ނަމަވެސް ސަފީރު ފަރަހަނާޒް ވަނީ މަސްވެރިކަން ކުރާނެ އެހެން ގޮތްތައް ތަޢާރަފުކުރުމަށް ސަރުކާރަށް ޕްރެޝަރ އަންނަމުންދާކަމަށް ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ ސަބަބުން އެގައުމަށް އެތެރެކުރާ ރާއްޖޭގެ ކަނޑުމަހުން ވަނީ 20 އިންސައްތައިގެ ޓެރިފެއް ނަގަން ފަށާފައެވެ. މިއާއެކު، މަހުގެ ވިޔަފާރިކުރާ ދިވެހި ކުންފުނިތަކަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ.ފަރަހަނާޒް ވިދާޅުވީ އެ ޓެރިފް ނެގުން އުވާލުމަށް ދިވެހިރާއްޖެއިން އެ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގެ ކަންބޮޑުވުންތައް އިނގިރޭސިވިލާތުގެ ސަރުކާރާއި ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމުން އެއީ އެކަން ވާންޖެހޭނެގޮތް ނޫންކަމަށް އެފަރާތްތަކުން ބުނެފައިވާކަމަށެވެ. އެކަމަނާ ވިދާޅުވީ ދިވެހިރާއްޖެއިން އެދެނީ ރާއްޖެއާއި މެދު ޚާއްޞަ ގޮތަކަށް ޢަމަލުކުރުމަށް ނޫންކަމަށާއި، ކޮމަންވެލްތުގައިވާ އެހެނިހެން ކުދި ޖަޒީރާ ގައުމުތަކާއި މެދުގައިވެސް އަމަލުކުރާ ފަދައިން ރާއްޖެއަށްވެސް އަމަލުކުރުމަށް ކަމަށެވެ. އަދި މިކަން އިނގިރޭސިވިލާތުން އަވަހަށް ރަނގަޅުކުރާނެކަމަށް ރާއްޖެއިން އުންމީދުކުރާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކޮމަންވެލްތުގައިވާ އެހެން ކުދި ޖަޒީރާ ޤައުމުތަކުން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން ޓެރިފް ނަގަނީ ސުން ރޭޓުގައެވެ. އެއީ އިނގިރޭސިވިލާތާއި އެކު ވިޔަފާރީގެ އިއްތިހާދެއްގައި ބައިވެރިވެ ނުވަތަ އިކޮނޮމިކް ޕާޓްނާރޝިޕް އެއްބަސްވުމެއް ހަދާފައި އޮންނަކަމަށް ބުނެއެވެ.

މީގެ އިތުރުން ސަފީރު ފަރަހަނާޒް ވިދާޅުވި ގޮތުގައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ރާއްޖެެއިން މަސްވެރިކަން ކުރިނަމަވެސް، ރާއްޖެއިން ބާނާ މަހުން ދަނީ ޓެރިފް ނެގެމުންނެވެ. ނަމަވެސް ތިމާވެއްޓާއި ބީރައްޓެހި ގޮތްތަކަށް މަސްވެރިކަން ކުރާ ޤައުމުތަކުން ޓެރިފް ނުނަގާކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް