މިފަހަރުގެ ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދައެއް ނުކުރަން: ޔުމްނާ

13 Jun 2021 | 21:02

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް އިންތިޚާބުވި އާމިނަތު ޔުމްނާ އިދިކޮޅު ޕީޕީއެމަށް ސޮއިކުރެއްވުމާއި ގުޅިގެން, ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި ފުރަތަމަ ވާދަ ކުރެއްވީ އެމްޑީޕީ ޕްރައިމަރީގައި ކަމަށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރަށް ޔުމްނާ ރައްދު ދެއްވައިފިއެވެ.

ޔުމްނާ ވިދާޅުވީ، އެމްޑީޕީގައި ހުންނެވިއިރު، 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަ ކުރެއްވިން ކަމަށެވެ. ނަމަވެސް، އެމްޑީޕީން ވަކިވެ, މި ފަހަރުގެ އިންތިޚާބުގައި ވާދަކުރީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކަމަށެވެ.

ޔުމްނާ ވިދާޅުވީ، ބައެއް ނޫސްތަކުން ޙަޤީޤަތް އޮޅުވާލާ މި އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރިކަމަށް ލިޔެފައިވާތީ އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.

ޔުމްނާ އިއްޔެ ޕީޕީއެމްއަށް ސޮއި ކުރެއްވުމާއިއެކު ޕީޕީއެމަށް މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑި ކަށަވަރުވީއެވެ.

ޕާޓީ ބަދަލު ކުރެއްވުމަށްފަހު ޔުމްނާ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރެއްވި ކަމުގައި ވީނަމަވެސް އޭނާއަށް އިންތިޚާބު ކާމިޔާބުވީ، ޕީޕީއެމްގެ އެހީތެރިކަމާއިއެކު ކަމަށެވެ. އެ ގޮނޑިއަށް އޭނާ އިންތިޚާބު ކުރުމަށް ޚާއްޞަކޮށް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ޓީމުން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ، އޭނާ ގަބޫލު ކުރާ ގޮތުގައި މާލޭ ސިޓީއަށް ބަދަލެއް ގެނެވޭނެ ޓީމަކީ ޕީޕީއެމްގެ ޓީމެވެ. އަދި މޭޔަރު މުއިއްޒުގެ ޓީމަކީ ތަޖުރިބާ އާއި ޢިލްމުހުރި ސްޕީޑްގައި މަސައްކަތް ކުރާނެ ޓީމެއް ކަމަށާއި އެހެންވެ މާލޭ ސިޓީއަށް ބަދަލެއް ގެންނައިރު، ތަރައްޤީގެ ފިކުރުގެ ބައިވެރިއެއްގެ ގޮތުގައި ހުންނަން ބޭނުންވީ ކަމަށް ޔުމްނާ ވިދާޅުވެފައިވެއެވެ. އަދި ކުރިއަށް އޮތް ތާނގައި މަސައްކަތް ކުރާނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ގެނައުމަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޔުމްނާ ވަނީ ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު މެމްބާޝިޕް ފޯމު އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް އާ ހަވާލު ކުރައްވާފައެވެ.

Advertisement

ކޮމެންޓް