ފޮރިން އިންވެސްޓްމެންޓް ޕޮލިސީއަށް ގެނައި ބަދަލުން ޤައުމީ ސަލާމަތަށް ނުރައްކާވޭ: ދީދީ

14 Jun 2021 | 17:07

ބޭރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭން އިންވެސްޓް ކުރެވޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީއަށް ބަދަލު ގެނައުމަކީ ދިވެހި ޤައުމަށް އޮތް ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓުވީޓެއްގައެވެ. މުޙައްމަދު ދިދީ ވިދާޅުވީ، ސަތޭކަ އިންސައްތަ ހިއްސާ ބޭރުގެ ކުންފުނިތަކަށް ދިނުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި، އެކަން ބެއްލެވުމަކީ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"ކޮބައިތޯ ޤައުމީ ސަލާމަތާބެހޭ ކައުންސިލް؟ މިނިސްޓަރ މާރިޔާ ހޭފުޅުލެއްވީތޯ، ނޫނީ މިވަނީ ކީއްތޯ؟ ޤާނޫނު އަސާސީގެ 237 ވަނަ މާއްދާ ވަޅުލީތޯ؟" ޖެނެރަލް ދީދީ ސުވާލު އުފައްދަވާފައިވެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ގެޒެޓުކޮށްފައިވާ އިޞްލާޙުގައި ބުނެފައިވާގޮތުން ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ދިނުމަށް ބޭރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެއެވެ. މިއިޞްލާޙަށް މިހާރު ޢަމަލުކުރަން ފަށާފައިވާއިރު އިންވެސްޓްމެންޓްތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހެއެވެ.

މީގެ އިތުރުން ސަރުކާރުން ހުއްދަ ދިނުމުން އެފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުޞަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް