މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ރަސްމީ ގެއެއް ދޭން ކޮމިޓީން ނިންމައިފި

14 Jun 2021 | 12:15

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަޑިޔާރު ދިރިއުޅޭނެ ތަނެއް ދައުލަތުން ހަމަޖެއްސުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުގެ ފަރާތުން ދިރިއުޅެން ރަސްމީ ގެއެއް ދޭން މަޖިލީހުން އެގޮތަށް ފާސްކޮށްފައި މިވަނީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެންނެވެ. އެހަމަލާގައި މަޖިލީހުގެ ރައީސަށް ވަނީ ބޮޑެތި ޒަޚަމުތަކެއް ލިބިފަައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ގެއެއް ހަމަ ޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެބާރުގެ ވެރިންގެ ސަލާމަތީ ކަންތައްތަކުގެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ކޮމިޓީން ނިންމީ އެ ބިލު ހުށަހެޅި ގޮތަށް އެ ދެ ބޭފުޅުން ދިރިއުޅުއްވާނެ ވަކި ތަނެއް ހަމަޖެއްސުމަށެވެ.

އަދި އާދީއްތަ ދުވަހުގެރޭ ބޭއްވި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ އެބިލު ފާސްކޮށްފައެެވެ.

ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ދެމުންދާ ސެކިއުރިޓީ ވަރުގަދަކުރަން ޤާނޫނު އިޞްލާޙުކުރަން ހުށަހަޅާފައިވާއިރު، ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހެދުމުގެ މަސައްކަތް މަޖިލީހުން ދަނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް