ބީއެމްއެލްގެ މުވައްޒަފުން ކޮންމެ ތިންމަހަކުން ލޭ ހަދިޔާކުރުމަށް ކޭމްޕް ބާއްވަނީ

14 Jun 2021 | 11:38

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން ބީއެމްއެލް ގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ކޭމްޕެއް ބާއްވައިފިއެވެ.

މިގޮތުން މާލެ، ކުޅުދުއްފުށި އަދި މަނަދޫގައި މަސައްކަތް ކުރާ ބީއެމްއެލްގެ މިވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ މި ހަރަކާތުގައި ބައިވެރިވެ ލޭ ހަދިޔާކޮށްފައެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށްވެސް ބޭންކުން ވަނީ ނިންމާފައެވެ.

މި ހަރާކާތް މާލޭގައި ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެންނެވެ. އަދި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށް އަތޮޅު ތެރޭގައިވެސް ވަނީ ކާމިޔާބު ކަމާއެކު ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ކުރިއަށް ގެންގޮސްފައެވެ. ދެ ދުވަހަށް ކުރިޔަށް ދާ މި ކޭމްޕް މެދުވެރިކޮށް 70 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީކޮށްފައެވެ.

މި ކޭމްޕްގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކަށް އަލިއަޅުވާލައި ބީއެމްއެލް އިން ވަނީ މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސަރވިސްއާ ގުޅިގެން ހާއްސަ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

Advertisement

ކޮމެންޓް

Advertisement