Advertisement

ރާއްޖޭގެ އެއާޕޯޓްތަކުގެ އެއާ ޓްރެފިކް ބަލަހައްޓާނީ ސަރުކާރުން: ފައްޔާޒް

14 Jun 2021 | 20:01

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްގެ އުސޫލަށް ދާދިފަހުން ގެނައި އިޞްލާޙާއި އެކުގައިވެސް އެއާޕޯޓުތަކުގެ އެއާ ޓްރެފިކް ބަލަހައްޓާނީ ސަރުކާރުންކަމަށް އިކޮނޮމިކް މިނިސްޓަރ ޑރ.ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އިއްޔެ ގެޒެޓުކޮށްފައިވާ އިޞްލާޙުގައި ބުނެފައިވާގޮތުން ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ދިނުމަށް ބޭރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެއެވެ. މިއިޞްލާޙަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު އިންވެސްޓްމެންޓްތަކުން މިނިމަމް އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހެއެވެ.

އަދި ސަރުކާރުން ހުއްދަ ދިނުމުން އެފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުޞަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ޚިދުމަތް ދިނުމަށްވެސް ސަތޭކަ އިންސައްތައިގެ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް މިއިސްލާޙުގައި ބުނެފައި ވެއެވެ.

އެއާ ޓްރެފިކް ކޮންޓްރޯލްގެ މަސައްކަތްތަކުގައިވެސް ބޭރުގެ ފަރާތްތަކަށް ހަރަކާތްތެރިވެވޭނެކަމަށް މި އިޞްލާޙުގައި އޮތުމުން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އިސްލާހާއި އެކުގައިވެސް ބޭރުގެ ނުވަތަ ރާއްޖޭގެވެސް އަމިއްލަ ފަރާތަކަށް އެއަރ ޓްރެފިކް އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު ނުދޭކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ އެއާޕޯޓެއްގައިވެސް މި މަސައްކަތް ކުރާނީ ސަރުކާރުން ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement