"ބޭރުގެ ފަރާތްތަކަށް ވިއްކާނުލައި ދިވެހިން އަމިއްލައަށް ޤައުމު ތަރައްޤީކުރެވޭނެ"

14 Jun 2021 | 18:19

ބޭރުގެ ފަރާތްތަތަކަށް ތަންތަން ވިއްކުމަކާ ނުލައި ދިވެހިންނަށްވެސް އަމިއްލަ ޤައުމު ތަރައްޤީކުރެވޭނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރާއްޖޭގެ އެއާޕޯޓްތައް ސައްތައިން ސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށްވެސް ހިންގޭނެ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްގެ އުސޫލަށް ގެނައި ބަދަލާއި ގުޅޭގޮތުން ކުރެއްވި ޓްވީޓްތަކެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ހުޅުލޭ އިންޓަރނޭޝަނަލް އެއާޕޯޓް އަތުލުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން 300 މިލިއަން ޑޮލަރު ޚަރަދުކުރިކަމަށެވެ. އަދި އެއަށް ފަހު ދުނިޔޭގެ އެންމެ ބޮޑެތި ބޯޓް ޖެއްސޭ ވަރަށް ރަންވޭ ބޮަޑު ކުރައްވައި، 1 ބިލިއަން ޑޮލަރގެ އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢު ފެއްޓެވިކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. ޝަހީމް ވަނީ އެތަން ތަރައްގީކޮށް ނިމޭއިރު އެއީ ސަރަހައްދީގޮތުންވެސް ފާހަގަކޮށްލެވޭނެ ފަދަ ތަނަކަށް ވާނެކަމަށް ވިދާޅުވެފައެވެ.

"މީގެ އިތުރުން ރާއްޖޭގައި ގިނަ އެއާޕޯޓްތަކެއް އަޅުއްވައި ތަރައްޤީކުރައްވައި ފަތުރުވެރިކަން ފުޅާކުރެއްވި"، ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި ބޭރުގެ ފަރާތްތަކަށް ވިއްކާނުލައި ދިވެހިން އަމިއްލައަށް ޤައުމު ތަރައްޤީކުރެވޭނެކަމަށާއި ދިވެހިންގެ ކިބައިގައި އެ ވިސްނުމާއި ޢިލްމީ ޤާބިލުކަމާއި ތަޖުރިބާ އެބަހުރިކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑރ.ޝަހީމް މިހެން ވިދާޅުވެފައިވާ ދަނޑިވަޅަކީ ރާއްޖޭގެ އެއާޕޯޓްތައް ސައްތައިން ސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށްވެސް ހިންގޭނެ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްގެ އުސޫލަށް ގެނައި ބަދަލާއި ގުޅޭގޮތުން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އިއްޔެ ގެޒެޓުކޮށްފައިވާ އިޞްލާޙުގައި ބުނެފައިވާގޮތުން ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ދިނުމަށް ބޭރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެއެވެ. މިއިޞްލާޙަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު އިންވެސްޓްމެންޓްތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހެއެވެ.

އަދި ސަރުކާރުން ހުއްދަ ދިނުމުން އެފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ޚިދުމަތް ދިނުމަށްވެސް ސަތޭކަ އިންސައްތައިގެ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް މިއިސްލާޙުގައި ބުނެފައި ވެއެވެ.

Advertisement

ކޮމެންޓް