ހިޔާ ފުލެޓުތަކުން ސިފައިންނާއި ފުލުހުންގެ ތެރެއިން، ފުލެޓު ލިބުނު މީހުންގެ ލިސްޓު ލީކްކޮށްލައިފި

14 Jun 2021 | 19:59

ރައީސް ޔާމީންގެ ދައުރުގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫޢުގެ ދަށުން، ހިޔާ ފުލެޓުތަކުން ސިފައިންނާއި ފުލުހުންގެ ތެރެއިން، ފްފުލެޓު ލިބުނު މީހުންގެ ލިސްޓު ލީކްކޮށްލައިފިއެވެ.

ޓްވިޓާގައި މިއަދުވަނީ ވަކިވަކި 2 ލިސްޓެއް ލީކު ކޮށްލާފައެވެ. އޭގެ ތެރޭގައި ހިޔާ ފުލެޓުތަކުން ފުލުހުންގެ ތެރެއިން ފުލެޓު ލިބުނު 300 މީހަކާއި، ސިފައިންގެ ތެރެއިން ފުލެޓު ލިބުނު 300 މީހެއްގެ މަޢުލޫމާތު ހިމެނެއެވެ.

ހިޔާ ފުލެޓުތަކުން ސިފައިންނާއި ފުލުހުންނަށް ދޭ ފުލެޓުތަކުގެ ލިސްޓު އާންމު ކުރުމާއި ގުޅޭގޮތުން، މިއަދު އެލިސްޓު ލީކް ކޮށްލި "އާންމުންގެ އެކުވެރި ގުޅުން" އިން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ހިޔާ މަޝްރޫޢުގައި ސިފައިންނާއި ފުލުހުންނަށް ޖުމްލަ 600 ފުލެޓު ޚާއްޞަކުރެވިފައިވާކަމަށާއި، ގުރުއަތުލުމުގެ ކަންތައްތައް ނިމިގެންދިޔަ އިރުވެސް ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓުތައް އެ ދެ މުއައްސަސާއިންނާއި ހައުސިންގ މިނިސްޓްރީންވެސް ހާމަކޮށްފައިނުވާކަމަށް ބުނެފައެވެ.

އަދި ފުލުހުންނާއި ސިފައިންނަށް ފުލެޓުތަކުގެ ވަގުތީ ލިސްޓެއް ދައްކާފައިވާ މަޢުލޫމާތު ލިބިފައިވާކަމަށާއި، ނަމަވެސް އެފަރާތްތަކަށް މިހާތަނަށް ދާއިމީ ލިސްޓު ދައްކާފައި ނުވާކަމަށް އޭރު އެޖަމުޢިއްޔާއިން ވަނީ ބުނެފައެވެ.

ކުރިން އެޖަމުޢިއްޔާއިން ބުނެފައިވަނީ، ހިޔާއަކީ ފުލުހުން ނުވަތަ ސިފައިންގެ މުއައްސަސާގެ މަޝްރޫޢުއް ނޫން ކަމަށާއި، މިއީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫޢުއް ކަމަށް ވީއިރު ސިވިލް ސާވިސް އާއި އެހެން ބައިތަކެކޭ އެއްގޮތަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ފުލެޓު ދޭން ނިންމި ފަރާތް އަދި ލިބުނު ޕޮއިންޓު އެނގޭ ގޮތަށް އާންމުންނަށް ފެންނަހެން ލިސްޓު ނެރެން ޖެހެއެވެ.

ފުލެޓުތައް ގުރުލުމާ ހަމަޔަށް ދިޔައިރުވެސް ފުލުހުންގެ ތެރެއިން ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު އިޢުލާން ނުކުރާތީ އާންމުންގެ ޖަމުޢިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހަމަ އެހެންމެ ލިސްޓުތައް އާންމުންނަށް ފެންނަހެން ހާމަ ކުރުމަށް ޖަމުޢިއްޔާއިން ވަނީ 2 ފަހަރު ގޮވާލާފައެވެ.

އާންމުންގެ ޖަމޢިއްޔާގެ ކަންބޮޑުވުންތައް

ޢާންމުންގެ ޖަމުޢިއްޔާއިން ގޮވާލާފައިވަނީ މިހުރިހާ ލިސްޓުތައް މިއީ އާންމުންނަށް ފެންނަހެން ޕަބްލިޝް ކުރަން ޖެހޭ ލިސްޓުތަކެއްކަމަށާއި، މިހާރު ނެރުނު ލިސްޓުން ފެންނަނީ ޖުމްލަ ޕޮއިންޓު އެކަންޏެވެ. އެހެން ހުރިހާ ބައެކޭ އެއްފަދައިން ޕޮއިންޓުދިން އުސޫލާއި އޭގެ ތަފުސީލަކީވެސް އާންމުންނަށް އެނގެން ޖެހޭ އެއްޗެކެވެ.

ދާއިމީ ލިސްޓު ނެރުމަށްފަހު ފުލެޓު ކޮމެޓީން ހައުސިން މިނިސްޓްރީގެ މައްޗަށް ވަނީ 8 ކަމެެެއް ކުރަން ހަވާލު ކޮށްފައެވެ. އޭގެ ތެރޭގައި ފުލެޓު ލިބޭ ފަރާތުގެ ނަމުގައި އެހެން ފުލެޓެއް ނުވަތަ ބިމެއް ވޭތޯ ކަށަވަރު ކުރުން ހިމެނެއެވެ. އަދި މިހާތަނަށް ފުލުހުންގެ ލިސްޓު މިނިސްޓްރީއާއި ހިއްސާކޮށްފައި ނުވެއެވެ.

އެހެންކަމުން އެ މިނިސްޓްރީ ކުރަންޖެހޭ ވެރިފިކޭޝަން ގެ ކަންތައް ފުލުހުންނާއި އެމްއެންޑީއެފް ތެރެއިން ފުލެޓު ލިބުނު ފަރާތްތަކުގެ ކޮށްފައި ވާކަން ޔަގީނެއް ނުވެއެވެ. މިނިސްޓްރީއަށް ލިސްޓު ނުފޮނުވައި، ވެރިފައި ކޮށްފައިވަނީ މި ދެ ވުޒާރާއިން އަމިއްލަޔަށް ނަމަ، އެކަން އާންމުންނަށް ސާފުކޮށް އަންގަން ޖެހެއެވެ.

ސަބަބަކީ ހިޔާ ފުލެޓު ލިބުނު އެހެން ހުރިހާ ކެޓެގަރީއެއްގެ އެންމެންގެ ވެރިފިކޭޝަން ހައުސިން މިނިސްޓްރީއިން ކޮށްފައިވާއިރު، ފުލުހުންގެ ލިސްޓު އެއާއި ތަފާތުކޮށް މިނިސްޓްރީގެ ވެރިފިކޭޝަން މަރުހަލާ "ސްކިޕް" ކުރެވިގެން ނުވާނެތީކަން އެ ޖަމުޢިއްޔާއިން ބުނެއެވެ.

މި ލިސްޓުތަކާއި ގުޅޭގޮތުން މިހާޔަނަށް އެއްވެސް ރަސްމީ އިދާރާއަކުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 

Advertisement

ކޮމެންޓް