ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުމުގެ ތަމްރީނު ޕްރޮގްރާމް ފެށިއްޖެ

14 Jun 2021 | 19:46

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުރިއަށްއޮތް 5 އަހަރަށް ކައުންސިލްތަކުން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށް ކައުންސިލްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ ތަމްރީނު ޕްރޮގްރާމު މިއަދު ފެށިއްޖެއެވެ.

މިތަމްރީނު ޕްރޮގްރާމު ފެށުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، އަލްފާޟިލް މުޙައްމަދު އަސްލަމެވެ.

ޙަފުލާ ޝަރަފުވެރިކޮށްދެވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސްޕޭޝަލް ޕްލޭން ހެދިފައި އޮތްގޮތާއި، ސްޕޭޝަލް ޕްލޭންގައި ކަނޑައެޅިފައިވާގޮތަށް ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުގެ ވިސްނުންހުރި ގޮތް ހިއްސާކުރެއްވިއެވެ. އަދި ސިޓީ/އަތޮޅު/ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ސްޕޭޝަލް ޕްލޭނަށް ބައްލަވައިގެން ކުރިއަށް ގެންދެވުމަށް މިނިސްޓަރގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ނެޝަނަލް ޕޮލިސީތަކާއި އެއްގޮތަށް ޕްލޭންތައް އެލައިން ކުރުމަކީ ކަންތައްތައް ލުއިކޮށް، ފަސޭހަކޮށް ކުރެވޭނެ ސަބަބެއްމަށް ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ ޖަޒީރާ ގައުމަކަށްވުމުން ދިވެހިރާއްޖެއަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުގެ ޕޮލިސީ އަދި މިހާރު ފަށާފައިވާ މަޝްރޫއުކަމަށްވާ ރާއްޖޭގެ އެއްރަށުން އަނެއްރަށެއް ދަތުރުކުރުމަށް ކުރިއަށްގެންދާ ނޭޝަނަލް ޓްރާންސްޕޯޓް ނެޓްވާރކްގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިއަހަރުގެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ ޒޫމް މެދުވެރިކޮށް އޮންލައިން ކޮށެވެ. މި ތަމްރީން ޕްރޮގްރާމް މި މަހުގެ 14 އިން 17 އަށް ކުރިޔަށް ދާނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން މަޢުލޫމާތު ދެއެވެ.

މިތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ބައިވެރިވުމަށް ދަޢުވަތު ވަނީ އެރުވިފައި ކަމަށާއި އެގޮތުން ކައުންސިލަރުންނާއި، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް މިތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުޞަތު ވަނީ ހުޅުވާލާފައި ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

2019 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން އަލަށް އެކުލަވާލެވޭ ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ ކައުންސިލަކުންވެސް އެސިޓީ/އަތޮޅު/ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހެއެވެ. 

Advertisement

ކޮމެންޓް