ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީ.އީ.އޯ.ގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި

15 Jun 2021 | 10:54

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އަށް، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވާފައި ވަނީ ދަފުތަރު ނަންބަރު 2968، ޑޮކްޓަރ ޢަބްދުލްޙަންނާން ވަޙީދެވެ. 

ޑޮކްޓަރ ޢަބުދުލްޙަންނާން މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ މަޤާމާއި އެއް ފެންވަރުގައެވެ. އަދި މި ޤާނޫނުގެ ދަށުން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގެ ކުރިން ވެސް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުފުރުއްވަމުން ގެންދެވީ ޑޮކްޓަރ ޢަބުދުލްޙަންނާނެވެ. 

މީގެ އިތުރުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް)ގެ ސީ.އީ.އޯގެ މަޤާމާއި އަދި ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ޑޮކްޓަރ ޢަބުދުލްޙަންނާން ފުރުއްވާފައިވެއެވެ. ޑޮކްޓަރ ޢަބުދުލްޙަންނާން ޕީއެޗްޑީ ހާސިލުކުރައްވާފައި ވަނީ އެޑިއުކޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކްއީސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރީޓީގެ އެޑްވައިޒަރީ ބޯޑް" އުފައްދަވައި އެ ބޯޑަށް ހަތް މެންބަރުން ޢައްޔަންކުރައްވާފައެވެ.

Advertisement

ކޮމެންޓް