ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން "ގެދޮރުވެރިޔާ ލޯނު ސްކީމް" އިފުތިތާހުކޮށްފި!

15 Jun 2021 | 10:24

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަކޮށް "ގެދޮރުވެރިޔާ ލޯނު ސްކީމް" އިފުތިތާހުކޮށްފިއެވެ.

މި ސްކީމަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިފްރާސްޓްރަކްޗަރ އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއި ގުޅިގެެން ކުރިއަށްގެންދާ ސްކީމެކެވެ.

މި ލޯން ސްކީމަކީ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކައި ޚަލާސްކުރާ ގޮތަށް ތަޢާރަފުކުރާ ލޯން ސްކީމެކެވެ. މި ލޯން ސްކީމްގައި ބައިވެރިވުމަށްޓަކައި މޯގޭޖްގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނޫނީ އެމީހާއަށް ލިބިފައި އޮތް ގޯތީގައި ހަދަން ފަށާފައިވާ އިމާރާތް އެކަންޏެވެ. އަދި މި ލޯން ސްކީމްގެ ދަށުން ހަދަން ފަށާފައިވާ ގެ ނިންމައިލުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ގިނަވެގެން 7 ލައްކަ ރުފިޔާ ކޮންމެ ފަރާތަކަށް ދޫ ކުރާގޮތަށް ހަމަޖެހިފައިވާކަމުގައި މި ސްކީމް ތަޢާރަފުކުރުމަށް ރޭ އޮތް ޙަފުލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙު ދެއްވި މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

އަދި މި ލޯނަށް ފައިސާ އަނބުރާ ދައްކާއިރު އެންމެ ގިނަވެގެން މަހަކު ދައްކަން ޖެހެނީ 5000 ރުފިޔާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތިުހައި މި ސްކީމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރެވޭނީ ޖުމްލަ ޚަރަދުގެ %80 އާ ހަމައަށެވެ. ގެ ހެދުމުގައި ހިނގާނެ ޚަރަދުގެ ބާކީ %20 އަގުކުރުމުގައި ގޯތި ހެދުމަށް އަމިއްލައަށް ކޮށްފައިވާ ޚަރަދު، ގޯތީގައި ހެދިފައި ހުރި އިމާރާތް ނުވަތަ ބިން އަގުކުރެވިދާނެއެވެ.

މި ސްކީމްގެ އިންޓްރެސްޓް އިންސައްތައަކީ 6 އިންސައްތައެވެ. މިއީ މާލޭ ސަރަޙައްދުން ބޭރުގައި މިހާތަނަށް ކަނޑައެޅުނު އެންމެ އަގުހެޔޮ އިންޓްރެސްޓްގެ އަދަދުކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ލޯނުގައި ހިމެނޭ ގޯތި ހެދުމަށް 12-15 މަހުގެ ގްރޭސް ޕީރިއަޑެއް ދެވޭއިރު، ލޯނު ދެއްކުމަށް ގިނަވެގެން 20 އަހަރު ހޭދަކުރެވޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓެއް ނުނަގާނެއެވެ. އަދި މި ލޯނަށް ޑެޕޮސިޓެއްވެސް ބޭނުމެއް ނުވާނެއެވެ.

Advertisement

ކޮމެންޓް