Advertisement

މި ޤައުމުގައި އިތުރު ދީނެއް ފަތުރަން ބަޔަކު ނޫޅޭ: ޖާބިރު

15 Jun 2021 | 13:11

މި ޤައުމުގައި އިތުރު ދީނެއް ފަތުރަން ބަޔަކު ނޫޅޭ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިހާރު މަޖިލީހުގައި ބަހުސް ފަށާފައިވާ ނަފުރަތު ކުށަކަށް ހެދުމުގެ ބިލާއި ގުޅިގެން ވާހަކަ ދައްކަމުން ޖާބިރު ވިދަޅުވީ، ޤައުމުގައި އިތުރު ދީނެއް ފަތުރަން ބަޔަކު ނޫޅޭކަމަށާއި، ރާއްޖޭގައި ވަކި ބަޔަކު އިސްލާމް ދީނުގެ މިލްކުވެރިކަން ނަގައިގެން އުޅޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ، އަބަދުވެސް އެމްޑީޕީއަށް ނިސްބަތްކޮށް ބޭނުންކުރި އެއްޗަކީ ލާދީނީ ކަމަށްވާއިރު، ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި އިޞްލާޙަކީ ވަރަށް ސާފު އިޞްލާޙެއް ކަމަށެވެ.

ރާއްޖެއަކީ ޓޫރިޒަމުން ދިރިއުޅޭ ބަޔަކަށްވާއިރު، ޤައުމުގައި އިތުރު ދީނެއް ފަތުރަން ބަޔަކު ނޫޅޭކަމަށާއި، ރާއްޖޭގައި ވަކި ބަޔަކު އިސްލާމް ދީނުގެ މިލްކުވެރިކަން ނަގައިގެން އުޅޭ ކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި ހަރުކަށި ފިކުރުގެ ބަޔަކު އެބަތިބި. އެބޭފުޅުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ އިސްލާމްދީން. އަޅުގަނޑު ޔަގީން ކަށަވަރުކަމާއެކު މިދަންނަވަނީ މިރާއްޖޭގައި ސުންނީ މުސްލިމުން ނޫން އެހެން ބަޔަކު ނެތްކަން." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ އެމްޑީޕީގައި މިހާރު ޖެހިފައިވާ މައްސަލަ އެތެރެއިން ޙައްލުވާންޖެހޭ ކަމަށެވެ. އަދި އެމްޑީޕީ ފުނޑިގެން ނުވާނެ ކަމަށާއި އަދުއްވުން ތިބީ ތައްޔާރަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް