ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކް ގެ ރައީސާއަށް ޑރ. ފަރަހަނާޒް

15 Jun 2021 | 13:13

ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްގެ ރައީސާއަށް ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް މިއަދު ހަމަޖައްސަވައިފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވުނު ހަފްލާގައި އެކަމަނާއާއި ރައީސާކަން ހަވަލާކޮށްދެއްވީ އެ ޖަމްއިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސަލަންސީ މިސް. ލިންޑާ ސްކޮޓްއެވެ. ޑރ. ފަރަހަނާޒް ފައިޒަލްގެ ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނާއިބުއަކަށް ހުންނަވާނީ އިނގިރޭސިވިލާތަށް ޖޯޖިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހރ އެކްސަލަންސީ މިސް. ސޮފީ ކަޓްސަރަވާއެވެ. އަދި މި ނެޓްވަރކްގެ މަސައްކަތުގައި ދުވަހުން ދުވަހަށް ކުރައްވަންޖެހިވަޑައިގަންނަވާ ކަންތައްތައް ކުރެއްވުމުގައި އިސްކޮށް ހުންނަވާނީ އިނގިރޭސިވިލާތުގައި ހުންނަ ޔޫ.އޭ.އީ. އެމްބަސީގެ ސަފީރުގެ ނާއިބުއެވެ.

ޑރ. ފަރަހަނާޒް ފައިޒަލް މަޤާމުގެ މަސްއޫލިއްޔަތުން ނަންގަވާނީ މި އަހަރުގެ ޖުލައި މަހުއެވެ.

ވިމެން އިން ޑިޕްލޮމަސީ ނެޓްވަރކްއަކީ މީގެ އެތަށް އަހަރެއްކުރިން، އިނގިރޭސިވިލާތުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލައިގެން އުފައްދާފައިވާ ނެޓްވަރކްއެކެވެ. އެތަކެއް އަހަރެއްވަންދެން މި ނެޓްވަރކްގެ މަސައްކަތްތައް މަޑުޖެހިފައިއޮތުމަށްފަހު، އެމްބަސީ މެގަޒިންއާއި ގުޅިގެން މި ނެތްވަރކްގެ މަސައްކަތް އަލުންވަނީ މިދިޔަ އަހަރު އޭޕްރިލް މަހުފަށާގަނެފައެވެ. މި ޖަމުއިއްޔާގެ މައިގަނޑު މަޤްޞަދަކީ އަންހެނުން ބާރުވެރިކުރުވާ، މަސައްކަތުގެ މާހައުލުގައި އަދި ދރިއުޅުމުގައި އަންހެން ޑިޕްލޮމެޓްސްއަށް ދިމާވާކަންތައްތައް ދެންތިއްބަވާ ބޭފުޅުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ ބޭފުޅުން އެކުގައި ވާހަކަ ދައްކާ ހައްލުހޯދުމަށް މަސައްކަތްކުރުމެވެ. އަދި މި ޖަމްއިއްޔާއިން އިސްނަގައިގެން އެހެން އެމްބަސީ އަދި ހައިކޮމިޝަންތަކުގައި ތިއްބަވާ އަންހެން ޑިޕްލޮމެޓުންނަށް ޚާއްޞަކޮށްގެން ޓްރެއިނިންގެ ޕްރޮގްރާމާއި ވަރކްޝޮޕްތައްވެސް ހިންގައެވެ. އަދި އިނގިރޭސިވިލާތަށް އަލަށް ވަޑައިގަންނަވާ ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މެންޓަރޝިޕް ޕްރޮގްރމްތައްވެސް މި ނެޓްވަރކުން އިސްނަގައިގެން ކުރިއަށް ގެންދެއެވެ.

މި ޖަމުޢިއްޔާގެ ރައީސާއަކީ ކޮންމެ ހަ މަހަކުން ބަދަލުވާ މަޤާމެކެވެ. އެ ގޮތުން މި ނެޓްވަރކްގެ މަސައްކަތް އަލުން ފަށާގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސަކު އައްޔަންކުރެވުނީ މިދިޔަ އަހަރު އޭޕްރިލްމަހުގެ އެވެ. މި ނެޓްވަރކްގެ ފުރަތަމަ ރައީސްއަކީ އިނގިރޭސިވިލާތުގައި ހުންނަ ސައުތު އެފްރިކާ ހައިކޮމިޝަންގެ ސަފީރުއެވެ. މި ގޮތުން ޖުލައި މަހުގެ ދައުރުގެ ރައީސާކަން ކުރައްވާނީ ހައިކޮމިޝަނަރ ޑރ ފަރަހަނާޒް ފައިޒަލްއެވެ.

އެކަމަނާގެ ރައީސާކަމުގެ ތީމްއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދިމާވާ ކަންތައްތަކަށް އަލިއަޅުވާލާ މަސައްކަތްކުރުމެވެ. މީ މި ނެޓްވަރކްގެ ތިންވަނަ ރައީސާއެވެ. އަދި މީ މި ނެޓްވަރކްގެ ރައީސާކަން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ލިބުނުފަހަރުވެސް މެއެވެ. ހައިކޮމިޝަނަރ ޑރ ފަރަހަނާޒް ފައިޒަލްއަކީ ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔަރލަންޑް އަދި ސްޕެއިންއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރެވެ.

Advertisement

ކޮމެންޓް