ހުޅުމާލޭގައި އެޕޯލޯ ހޯލްޑިންސްއިން 1000 ހައުސިންގ ޔުނިޓް އަޅަނީ

15 Jun 2021 | 22:54

އާމްދަނީގެ ގޮތުން އެކި ފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި ގިނަ އަދަދެއްގެ ހައުސިންގ ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް އެޕޯލޯ ހޯލްޑިންގްސް ކުންފުނިން ފަށައިފިއެވެ.

މި 1000 ހައުސިންގ ޔުނިޓްގެ ތެރެއިން ފުރަތަމަ ޓަވަރުގެ ބިންގާ އެޅުމުގެ މަސައްކަތް މިއަދު މެންދުރުފަހު އޮތް ރަސްމިއްޔާތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަނީ ފަށާފައެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވީ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ސަރުކާރާއި އެޕޯލޯ ހޯލްޑިންގްސް ކުންފުންޏާއި އެކު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި އެކި ކެޓަގަރީތަކުގެ ޖުމްލަ 1000 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކައުންސިލް، އެފޯޑެބަލް އަދި މިޑް ރޭންޖްގެ ހައުސިންގ ޔުނިޓްތަކެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ މި މަޝްރޫޢުއަށް ޚަރަދުކުރާނީ އެޕޯލޯ ހޯލްޑިންގްސްގެ ފަރާތުން ކަމަށާއި، ސަރުކާރުން ދީފައިވާ ގެރެންޓީއަކީ ކައުންސިލް އަދި އެފޯޑެބަލް ހައުސިންގތައް ގަންނާނެ ފަރާތްތަކެއް ވާނެކަމުގެ ޔަގީންކަން ދިނުންކަމަށެވެ. އަދި މިޑް ރޭންޖް ހައުސިންގގެ އަގުތައް ވަކި ވަރެއްގައި ބެހެއްޓުމަށް އެކުންފުންޏާއި އެކުގައި މަޝްވަރާކޮށްފައިވާނެކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 1000 ހައުސިންގ ޔުނިޓް އަޅާނެކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގގެ 120 ޔުނިޓް، އެފޯޑެބަލްގެ 220 ޔުނިޓް އަދި މިޑް ރޭންޖްގެ 660 ޔުނިޓްކަމަށް އެބޭފުޅާ ވަނީ ހާމަކުރައްވާފައެވެ. އަދި މިއީ ދިވެހި ކުންފުންޏަކުން މިފަދައިން މިހާތަނަށް ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢުކަމަށް ސުހައިލް ވަނީ ފާހަގަކުރައްވާފައެވެ.

ސުހައިލް އިތުރަށް ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެތައް ބަޔަކަށް ހެޔޮއަގެއްގައި އެކަން ތަނަވަސްވެގެން ދާނެކަމަށާއި، މި މަޝްރޫޢުގެ ދަށުން އެޅޭ ފުލެޓުތަކަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ވަސީލަތްތައްވެސް ޤާއިމުވެފައި ހުންނަ ތަންތަން ކަމަށެވެ. 

Advertisement

ކޮމެންޓް