ޤާނޫނުލްޢުޤޫބާތަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިޞްލާޙު މަޖިލީހަށް ބަލައިގަތުމަށް ފާސްވެއްޖެ

15 Jun 2021 | 22:57

ނަފުރަތުގެ ޢަމަލުތައް ބަޔާންކޮށް، ދިވެހިރާއްޖޭގެ ޤާނޫނޫލްޢުޤޫގޫބާތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ ޙިސާން ޙުސައިން ހުށައެޅުއްވި އިޞްލާޙު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ 38 މެންބަރުންނެވެ. މި ބިލު ބަލައިގަތުމާއި ދެކޮޅަށް 17 މެންބަރަކު ވޯޓުދެއްވިއިރު، އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ 4 މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އެއާއެކު މި ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފައެވެ. މި ބިލްގައިވާ ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. ނަމަވެސް މިއީ އަލްމާނީ ފިކުރިއްޔާތަށް ދިވެހިރާއްޖެ އަނބުރާލައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅިގެންދާނެފަދަ ޢަމަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

މި ބިލުގައި އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފައެވެ. ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

އަދި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން، މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ އަނިޔާއެއް ދޭން އުޅުމާއި އެފަދަ ޢަމަލަކަށް ހިތްވަރު ދިނުން ވެސް ކުށެއްގެ ގޮތުގައި ބިލްގައި ވަނީ ހިމަނާފައެވެ.

ގާނޫނުލްއުގޫބާތުގައި ވާގޮތުން ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އެންމެބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ޙުކުމެކެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ޙުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ.

Advertisement

ކޮމެންޓް