ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ކުޑަ ލުއެއް!

15 Jun 2021 | 17:43

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށްޓަކައި މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ކުޑަ ލުއިތަކެއް ދޭން ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާވަގުތަކީ ހަވީރު 4 އިން ފަތިހު 4 އާއި ހަމައަށް ކަމަށެވެ. އެއާއި އެކު ފަތިހު 4 އިން ފެށިގެން ހެނދުނު 8 ޖެހުމާއި ހަމައަށް ކަސްރަތުކުރުން ފަދަ ބޭނުންތަކަށް އާންމުންނަށް މަގުމައްޗަށް ނުކުތުމުގެ ފުރުސަތު އޮންނާނެއެވެ.

ނަމަވެސް ހެނދުނު 8ގެ ފަހުން ބޭރަށް ނުކުމެވޭނީ މިހާރުވެސް އޮންނަ އުސޫލުން ފުލުހުން ދޫކުރާ ހައުސްހޯލްޑް ޕާމިޓާއި އެކުގައިކަމަށް ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިސްކިތްތަކަށްގޮސް، އެކަނި ނަމާދުކުރެވޭނެ ގޮތަށް ލުއިދޭންވެސް ވަނީ ނިންމާފައެވެ. މި ފިޔަވަަޅުތައް މާދަމާއިން ފެށިގެން 2 ހަފްތާގެ މުއްދަތަކަށް އޮންނާނެކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މާލޭގައި ހިންގާ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި މެދު އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް ބަދަލެއް މި މުއްދަތުގެ ތެރޭގައި ނުގެންނާނެއެވެ. އެގޮތުން އެތަންތަން ހުޅުވޭނެ ވަގުތާއި ޑެލިވަރީގެ ޚިދުމަތްތައް ދެވޭ ވަގުތުތައް އޮންނާނީ މިހާރެކޭވެސް އެއްފަދައިންނެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް