ޖީން ސީކުއެންސިންގގެ ނަތީޖާތަކުން ދައްކާގޮތުގައި އެންމެ ގިނައިން ފެނިފައިވަނީ ޑެލްޓާ ވޭރިއެންޓް

15 Jun 2021 | 22:51

ދިވެހިރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ވޭރިއެންޓްތައް ދެނެގަތުމަށް ކުރި ޖީން ސީކުއެންސިންގގެ ނަތީޖާތައް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން އާންމުކޮށްފިއެވެ.

މި ތަހުލީލުތައް ކޮށްފައިވަނީ ރާއްޖެއިން ބޭރަށް 30 ސާމްޕަލެއް ފޮނުވައިގެންނެވެ.

އެޗްއީއޯސީއިން އާންމުކުރި މަޢުލޫމާތަށް ބަލާއިރު ދިވެހިރާއްޖެއިން އެންމެ ގިނައިން ފެނިފައިވަނީ ޑެލްޓާ ވޭރިއެންޓެވެ. މިއީ "އިންޑިއަން ވޭރިއެންޓް"އަށް ޑަބްލިޔުއެޗްއޯއިން ދީފައިވާ ނަމެވެ. އެގޮތުން އެ ސާމްޕަލްތަކުގެ 27 އިންސައްތައިން ޑެލްޓާ ވޭރިއެންޓް ފެނިފައިވާއިރު، ދެން އެންމެ ގިނައިން ފެނިފައިވަނީ އަލްފާ ނުވަތަ "ޔޫކޭ ކެންޓް" ވޭރިއެންޓެވެ. އެގޮތުން ސާމްޕަލްތަކުގެ 20 އިންސައްތައިން ވަނީ މި ވޭރިއެންޓްތައް ފެނިފައެވެ.

މީގެ އިތުރުންވެސް އެހެން ވޭރިއެންޓްތަކެއްވެސް ފެނިފައިވާކަމަށް ޖީން ސީކުއެންސިންގގެ ނަތީޖާތަކުން ދައްކައެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖެއިން ނެގެމުންދާ ސާމްޕަލްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުމަދުން ދަށްވަމުންދާކަމަށްވެސް ތަފާސްހިސާބުތަކުން ވަނީ ދައްކަން ފަށާފައެވެ. އެގޮތުން ޖޫންމަހުގެ 7ވަނަ ދުވަހުގައި ޖުމްލަ ސާމްޕަލް ޕޮޒިޓިވް ރޭޓް 7 އިންސައްތައިގައި ހުރިއިރު، މިމަހުގެ 12ވަނަ ދުވަހުގައި އެކްޓިވް ސާވެއިލެންސް ސާމްޕަލްތަކުގެ ޕޮޒިޓިވް ރޭޓް ހުރީ 7.2 އިންސައްތައިގައެވެ. އަދި މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން 8ވަނަ ދުވަހާއި ހަމައަށް ފްލޫ ކްލިނިކްތަކުން ނެގުނު ސާމްޕަލްތަކުގެ ޕޮޒިޓިވް ރޭޓް ހުރީ 23 އިންސައްތައިގައެވެ.

ނަމަވެސް 14 ޖޫންގައި ފެނުނު ކޭސްތަކުގެ ތެރެއިން އެއް ކޭސް އަނެއް ކޭހާއި ގުޅުމެއް ނެތް ކޭސްތަކުގެ ނިސްބަތް 63 އިންސައްތައިގައި ހުރިކަން ފާހަގަކޮށްލެވެއެވެ. މިކަމުން އަންގައިދެނީ އަދިވެސް މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިފައި އޮތްކަމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް މިހާރެކޭވެސް އެއްފަދައިން ސާފުތާހިރުކަމުގެ އާދަތައް ބަހައްޓަން ވާނެކަމެވެ.

Advertisement

ކޮމެންޓް