"ސެކިއުލަރ ބިލާއި" ގުޅޭގޮތުން އަދާލަތު ޕާޓީއާ މަޝްވަރާކޮށްފައި ނުވާކަމަށް އެޕާޓީން ބުނެފި

16 Jun 2021 | 10:28

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން އަދާލަތު ޕާޓީއާ މަޝްވަރާކޮށްފައި ނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ކުރި ޓުވީޓުގައި ބުނެފައިވަނީ އެ ބިލަކީ އަދާލަތު ޕާޓީއާ މަޝްވަރާ ކުރުމަށްފަހު ހުށަހެޅި ބިލެއް ނޫން ކަމަށާއި، ދީނާ ގުޅުން ހުރި ކަންކަމުގައި ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކުން ބަސް ބުނުމުގެ ފުރުސަތު ގެއްލިގެންދާ ގޮތަށް އަޅާ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އަދި އެ ބިލު މަޖިލީހަށް ހުށަހަޅައިފައި އޮތް ގޮތުން މުޖުމަތައުގެ ހަމަޖެހުން ގާއިމު ކުރަން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމުގައި އެޕާޓީން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހިސާން ހުށައެޅުއްވި މި އިސްލާހަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ވަނީ ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ ވޯޓާއެކު ބަލައިގެންފައެވެ. މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް 17 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި މި އިސްލާހު ދިރާސާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

Advertisement

ކޮމެންޓް

Advertisement