ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީއަށް އަނެއްކާވެސް އިސްލާހު ގެނެސްފި

16 Jun 2021 | 19:30

ސައްތައިން ސައްތަ ބޭރުގެ ކުންފުނިތަކަށް ދިވެހިރާއްޖޭގައި އެއާޕޯޓްތައް އޮޕަރޭޓްކުރެވޭނެގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީއަށް ގެނައި އިސްލާހަށް ބަދަލުތަކެއް ގެނެސްފިއެވެ.

މީގެ ދުވަސްތަކެއް ކުރިން މި ޕޮލިސީއަށް ގެނައި ފުރަތަމަ އިސްލާހުގައިވާ ގޮތުގައި ބޭރުގެ ކުންފުނިތަކަށް، ދިވެހިރާއްޖޭގައި އެއާޕޯޓްތައް ހިންގާއިރު އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުތައް ހިންގުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މިކަމާއި ގުޅޭގޮތުން ޢާންމުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން އިކޮނޮމިކް މިނިސްޓަރ އަލްެއުސްތާޛު ފައްޔާޒް އިސްމާއީލް ވަނީ އެއަރ ޓްރެފިކް ކޮންޓްރޯލް ފަދަ ޚިދުމަތްތައް ދޭނީ ސަރުކާރުންކަމަށާއި، އެކަން އެ އުސޫލުގައި ސާފުކޮށް ހިމަނާނެކަމަށެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީއަށް ގެނައި ދެވަނަ އިސްލާހު މިއަދު އާންމުކޮށްފައިވާއިރު، ބޭރުގެ ފަރާތަކުން އެއާޕޯޓެއް ހިންގިކަމުގައި ވިޔަސް އެއަރ ޓްރެފިކް، ކަސްޓަމްސް، އޭވިއޭޝަން ސެކިއުރިޓީ އަދި އިމިގްރޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދޭނީ ސަރުކާރުންކަމަށް ވަނީ ހިމަނާފައެވެ.

މި އިސްލާހާއި އެކު، ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ދިނުމަށް ބޭރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެއެވެ. މިއިޞްލާޙަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު އިންވެސްޓްމެންޓްތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހެއެވެ.

އަދި ސަރުކާރުން ހުއްދަ ދިނުމުން އެފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީތައް ހިމެނޭހެން) އަދި ގްރައުންޑް ސާވިސް ޚިދުމަތް ދިނުމަށްވެސް ސަތޭކަ އިންސައްތައިގެ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް މިއިސްލާޙުގައި ބުނެފައި ވެއެވެ.

މި އިޞްލާޙުގެ ސަބަބުން ބޭރު ޤައުމުތަކުގެ އެއާލައިންތަކުން އެދޭނަމަ ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ވަދެވޭނެއެވެ. މިފަދަ ހާލަތެއްގައި އެކަށީގެންވާ މިންވަރަކަށް ވިޔަފާރި ތަރައްޤީ ނުކުރެވޭނަމަ، ރާއްޖޭގައި ހިންގާ އެއާލައިންތައް އަޑިއަޅާލުމުގެ ފުރުޞަތު އެބައޮތެވެ.

Advertisement

ކޮމެންޓް