ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތަކަށް އިސްކަންދިނުމުގެ ވިސްނުމެއް ނެތް: އަސްލަމް

16 Jun 2021 | 15:29

އެއް ކޮޓަރީގެ ފްލެޓްތަކަށް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ތެރެއިން އިސްކަމެއް ދިނުމުގެ ވިސްނުމެއް ނެތްކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުޢިއްޒުއާއި އެކުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަދަމުންދާ ފްލެޓްތައްވެސް ހުރީ ހިޔާ މަޝްރޫއުގެ ނަމުގެ ތެރެއިން ކަމަށާއި، އޭގެ ތެރެއިން ކުރިއަށްދަނީ ވަރަށް މަދު ތަނެއްގެ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން އެމްޕީއެލް، އެމްޑަބްލިޔުއެސްސީ، އެމްއޭސީއެލް އަދި ސްޓެލްކޯއިން ހަދަމުންދާ ފްލެޓްތައް މިނސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން އެމްއޭސީއެލްގެ ފަރާތުން، އެ ފަރާތްތަކުގެ ޓަވަރުގައި ހުރި އެއް ކޮޓަރީގެ ތަންތަން މުވައްޒަފުންނަށް ދޭން ނިންމާފައިވާކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

ހިޔާ މަޝްރޫއު މީގެކުރިން ރޭވިފައިވާ ގޮތުގައި، އަލަތު ކައިވެނީގެ ކެޓަގަރީގެ ފަރާތްތަކަށް އެއް ކޮޓަރި ފްލެޓް ދޭން ހަމަޖެހިފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ޓަވަރުތަކުންނެވެ. އެގޮތުން އެ ކުންފުނިތަކުން ތަރައްގީކުރާ ޓަވަރުތަކުގައިވާ އެއް ކޮޓަރީގެ ފްލެޓްތައް ސަރުކާރަށް ދޭން، އޭރުގެ ސަރުކާރުން ކުންފުނިތަކަށް ބިން ހަވާލުކުރުމުގެ ކުރިން ޝަރުތުކުރިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ސްޓެލްކޯ އާއި އެހެން ކުންފުންޏެއްގެ ޓަވަރުތަކުގައި ކޮންމެވެސް މިންވަރަކަށް އެއް ކޮޓަރީގެ ފްލެޓްތައް ހުރި ހަނދާނެއްވާ ކަމަށާއި، އެއީ ވަރަށް މަދު މިންވަރެއް ކަމަށެވެ. އަސްލަމް ވަނީ އެއް ކޮޓަރީގެ ފްލެޓްތައް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހިމެނޭކަމެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.

"ސަރުކާރުގެ ޕޮލިސީއެއް ނެތް ވަން ބެޑްރޫމްގެ ފްލެޓް އެއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ތެރޭގައި އިސްކަމެއް ދީގެން ގެންދާނެ ތަނަކަށް. އެއީ ސަރުކާރުގެ ވިސްނުމަކީ ވަން ބެޑްރޫމަކީ، އޯކޭ ސިންގަލް މީހަކަށް އުޅެވިދާނޭ އެކަމު އާންމުކޮށް މީހަކު ސިންގަލްކޮށް މާގިނަ ދުވަހަކުއެއް ނުއެއް ހުންނާނެ. އާއިލާއެއް ބިނާކުރާނެ"، ހައުސިންގ މިނިސްޓަރ އަަަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން އެއް ކޮޓަރީގެ ފްލެޓްތަކަށް ސޯޝަލް ހައުސިންގގެ ތެރެއިން އިސްކަންދިނުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ނުފެންނަކަމަށް ސަރުކާރުގެ ވިސްނުމަކަށް ވެފައިވާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ދެން ކުރިއަށްގެންދާ ސޯޝަލް ހައުސިންގ ޕްރޮޖެކްޓްތަކުގައި އެފަދަ ތަންތަނެއް ނުހުންނާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement